ހދ.ހަނިމާދޫއިން އިތުރު އަށް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި މި ވަނީ 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 22 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލަކާއި، 29 ޖޫން 2021 ވަނަ ދުވަހު ނެގުނު 37 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލެކެވެ. މި ދެ ދުވަހުން ޖުމްލަ އަށް މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިހާރު ހަނިމާދޫގައި މި ބަލި ޖެހިފައިތިބި 47 މީހަކު އެބަތިއްބެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަހުގެ 28 އަދި 29 މި ދެ ދުވަހުގެ ޕޮޒިޓިވް ކޭސްތަކަކީ އެކި ކުލަސްޓާތަކާއި ގުޅިގެން ކަރަންޓީން ކުރެވުފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައިވާ ނަތީޖާ ތަކެކެވެ.
ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އެނގިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ހަނިމާދޫ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ރަށުގައި ބަލިފެތުރިފައިވާ މިންވަރު ދެނެގަތުމަށް އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދަމުން އަންނައިރު އެހާލަތުން އަވަހަށް އަރައިގަތުމަށް ރެންޑަމް ސާމްޕަލް އަށް ދެކޮޅު ނުހައްދަވާ، އެއްބާރުލުން ދެއްވުމަށް ހަނިމާދޫ ރައްޔިތުން ކިބައިން އެރަށު ސިއްހީ މަރުކަޒުން ވަނީ އެދިލައްވާފައެވެ. މިހާތަނަށް ނެގުނު ރެންޑަމް ހުރިހާ ސާމްޕަލްއެއް ވެސް ނެގެޓިވް ކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!