ހދ. ހަނިމާދޫން އިތުރު ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 59 އަށް އަރައިފިއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިމަހުގެ 25ވަނަ ދުވަހު ނެގުނު 30 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 2 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެހެންކަމުން ހަނިމާދޫގައި މިހާރު ބަލި ޖެހިފައިތިބި މީހުންގެ އަދަދަކީ 59 އެއް ކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ.
ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އިނގުނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ހަނިމާދޫ އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.
"ބަލިޖެހިފައިވާ އެއްވެސް މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާނަމަ އެމައުލޫމާތު ސިއްރު ނުކުރައްވާ އަޅުގަނޑުމެންނާއި ހިއްޞާ ކުރެއްވުން އެދެމެވެ. ތިމާ އަކީ ޑައިރެކްޓް ކޮންޓެކްޓެއް ކަމުގައިވާނަމަ އެކަހެރި ވެލައްވާ ފަރުދީ ޒިންމާ އަދާކުރައްވާ. ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމު" ހަނިމާދޫ ސިއްހީ މަރުކަޒުން މިއަދު ވިދާޅުވެފަވެއެވެ.
ބަލިފެތުރިފައިވާ މިންވަރު ދެނެގަތުމަށް އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެހާލަތުން އަވަހަށް އަރައިގަތުމަށް ރެންޑަމް ސާމްޕަލް އަށް ދެކޮޅު ނުހައްދަވާ، އެއްބާރުލުން ދެއްވުމަށް ހަނިމާދޫ ރައްޔިތުން ކިބައިން އެރަށު ސިއްހީ މަރުކަޒުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!