ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް 25 މެއި 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ހދ. ނޭކުރެންދޫ ކައުންސިލުން ބުނެފިައެވެ.

ނޭކުރެންދޫ ކައުންސިލްގެ 5 މެންބަރު ސޮއި ކުރަށްވާ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.

Ad
rt

މީގެއިތުރުން ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާލުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދިފާޢުކޮށް ދަމަހައްޓަންޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމައުގެ ކަންކަމާމެދު ބަހުސްކޮށް ބަސްބުނެ ލަފަޔާއި އިރުޝާދު ދިނުމަކީ މުޖުތަމަޢުގެ ބަދަހިކަމާއި ޤައުމުގެ ކުރިއެރުމާއި ތަރައްޤީ އަށް ކޮންމެހެން ލާޒިމުކަމެއް ކަމެއްކަމަށް ނޭކުރެންދޫ ކައުންސިލުން ބުނެފަވެއެވެ.

ނޭކުރެންދޫ ކައުންސިލުން ބުނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުގެ ނަތީޖާއެއްގެގޮތުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދީނާ ގުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސްއެޅިދާނެ ފިޔަވަޅުތަކެއްކަމާއި، މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ޤަބޫލުކުރެވޭހިނދު، އިސްލާމީ މުޖުތަޢުގައި މިފަދަ ބިލެއް ފާސްކުރުމަކީ ދީނީ ގޮތުން ބައިބައިވެ މުޖުތަމަޢުގައި ހަމަނުޖެހުން އުފެދިގެން ހިނގައިދާނެ ފުރުސަތު އޮތްކަމެއްކަމަށް މިކައުންސިލަށާއި ރަށުގެ ގިނަ ރައްޔިތުންނަށް ޤަބޫލުކުރެވޭތީ މި ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ގޮވާލުމެއެވެ."

ނޭކުރެންދޫ ކައުންސިލުން ބުނެފަވެއެވެ.

ނޭކުރެންދޫ ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް އަލީ ސިރާޖަކީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅެކެވެ. ދެން ތިއްބެވި 4 ކައުންސިލަރުން ތެރެއިން 2 ކައުންސިލަރުން ނިސްބަތްވެ ވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމް އަށެވެ. ދެން އެކައުންސިލްގައި ހިމެނިވަޑައިގަންނަވާ ކުރީގެ އެކައުންސިލްގެ ރައީސް އަދި މިހާރުގެ ނައިބު ރައީސް އަލީ އާދަމްއަކީ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ ބޭފުޅެކެވެ. ދެން ހުންނެވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރެކެވެ.

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 104 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އެ ބަޔާންތަކުގައި 509 އަށް ވުރެ ގިނަ ކައުންސިލަރުން ވަނީ ސޮއިކޮށްފައެވެ.

މީގެއިތުރުން މި ބިލު އަނބުރާ ގެންދަން ގޮވާލައި، ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އަދި އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި ރާއްޖޭގައި މަސައްކަތްކުރާ 106 މަދަނީ ޖަމިއްޔާ އަކުން ވަނީ ބަޔާނެއް ނެރެފައެވެ. މީގެއިތުރުން މި ބިލާއި ދެކޮޅަށް ވަކިވަކި ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ދަނީ ބަޔާން ނެރެމުންނެވެ.