ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ އުރުގުއޭ އާއި ބޮލީވިއާ ބައްދަލުކުރި މެޗު އުރުގުއޭއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗު އުރުގުއޭ ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އުރުގުއޭއިން ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ލުއިސް ސުއަރޭޒް އަދި ކަވާނީއަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ. މި މެޗުގައި އުރުގުއޭއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ 40 ވަނަ މިނެޓުގައި ބޮލީވިއާގެ ކީޕަރު ކާލޮސް ލަމްޕޭގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑު ލަމްޕޭ ގައިގައި ޖެހިފައި ވަނީ ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ސަލާމަތް ކުރުމަށް ބޮލީވިއާގެ ޑިފެންޑަރ ކުއިންޓެރޮސް އުޅުމުގެ ތެރޭގައެވެ.

Ad
rt

މި މެޗުގައި އުރުގުއޭއިން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ 79 ވަނަ މިނެޓުގައި ފަކުންޑޯ ޓޯރެސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކަވާނީއެވެ. މިއީ ކަވާނީ އުރުގުއޭގެ ޤައުމީ ޓީމަށް ކުޅެދިން 121 މެޗިގައި ކާމިޔާބުކުރި 52 ވަނަ ލަނޑެވެ.

މި ގްރޫޕުގައި ބުރާސްފަތި ދުވަހުގެ ރޭ ޕެރެގުއޭއާއި ޗިލީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޕެރެގުއޭއެވެ.

މި މެޗުގައި ޕެރަގުއޭއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި އަލްމިރޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސަމުޑިއޯ ކާމިޔާބު ކޮށްދީފައިވާއިރު، އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ އަލްމިރޮންއެވެ.

މި ގްރޫޕުގެ ބައެއް މެޗުތައް އަދި ކުރިއަށް ހުރި ނަމަވެސް ރޭގެ މެޗުތަކުގެ ނަތީޖާ ތަކާއިއެކު މި ގްރޫޕުން ކުއާޓާގެ ޖާގަ ހަތަރު ޓީމަށް ކަށަވަރު ވެފައިވާއިރު ބޮލީވިއާ ވަނީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕްގެ އެއްވަނާގައި މިވަގުތު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން އާޖެންޓީނާ އޮތްއިރު ދެވަނާގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އޮތީ ޕެރަގުއޭއެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ޗިލީ ކުޅެ ނިމިފައިވާއިރު އެ ޓީމަށް ހަތަރު މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އެ ޓީމް އޮތީ ތިން ވަނާގައެވެ. ހަތަރު ވަނާގައި ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އުރުގުއޭ އޮތްއިރު ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޮލީވިއާއެވެ.