"ނަފުރަތުގެ އަމަލު" ބަޔާން ކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ވައިކަރަދޫ ކައުންސިލުން ގޮވާލައިފި

Vaikaradhoo

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ހުށަހަޅާފައިވާ "ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހދ. ވައިކަރަދޫ ކައުންސިލުން ގޮވައިލައިފިއެވެ.

އެ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުގައި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަމަށް އެ ކައުންސިލުން ފާހަގަކުރާކަމަށެވެ.

އެގޮތުން، މި ބިލުގައި މިއުއްމަތުގެ މާތްނަބިއްޔާ محمد الرسول الله صل الله عليه وسلم އަށް ފުރައްސާރަކޮށް މާތްވެގެންވާ އިސްލާމްދީނަށް ނިކަމެތިކަން ލިބޭފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް ހިމާޔަތް ލިބޭފަދަ މާއްދާތަކެއް ހިމެނިފައިވުމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނެ ގޮތެއްގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިފައިވާކަން ޤަބޫލުކުރެވޭ ކަމަށް އެކައުންސިލުން ބުނެއެވެ.

ދިވެހި ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސާބިތުވެ އެއްބައިވަންތަކަމާއެކު ސާދާ ދިރިއުޅުމެއް އުޅެމުންއަންނަ ރައްޔިތުންތަކެއް ކަމަށްވެފައި އަދި ދިވެހިރާއްޖޭގެ ޤާނުއަސާސީގެ 10 ވަނަ މާއްދާގެ (ރ) ގައިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައި ވީހިނދު، މިފަދަ މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ބިލެއް ފާސްކުރުމަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު ކަމެއްކަމުގައި ދެކޭކަމަށް އެ ކައުންސިލުން ބުނެފާވެއެވެ. އަދި ބިލު ފަރުމާކުރެވިފައިވާގޮތުން، ބިލު ޤާނޫނަކަށްވުމުން، އިސްލާމްދީނާމެދު ޢަދާވާތްތެރިކަން ފާޅުކޮށް، އިސްލާމްދީނަށް ފުރައްސާރަކޮށް އުޅޭ މީހުންގެ ނިވާފަތްގަނޑެއްގެ ގޮތުގައި އެޤާނޫނުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެކަމަށްވެސް ވައިކަރަދޫ ކައުންސިލުން ބުނެއެވެ.

އެފަދަ ފަރާތްތަކާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ ކުރިމަތީގައި އެ ޤާނޫނު ހުރަހަކަށްވެ، ދީނާ ދެކޮޅު ފިކުރުތައް ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ގޮވާލެވޭ ގޮވާލެވުން ކުށަކަށް ވެގެން ދާނެކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ދީނާ ޚިލާފު ފިކުރުތަކާއި ވިސްނުންތައް މުޖުތަމަޢުގައި ފަތުރަން މަސައްކަތްކުރާ ފަރާތްތަކާމެދު މުޖުތަމަޢު ހޭލުންތެރިކޮށް، ދަރިންނާއި ޤައުމު އެފަރާތްތަކުގެ ކިބައިން ސަލާމަތްކުރުމަށް ނަސޭހަތް ދިނުމުގެ ދޮރު އެކަންކަން ކުރަންތިބޭ ފަރާތްތަކުގެ ކުރިމަތީގައި ވަރަށް ބޮޑަށް ހަނިވެގެންދާނެކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

"ސަރުކާރަށް ރައްޔިތުންގެ ނުރުހުންތެރިކަން ކުރިމަތިވެދާނެފަދަ ގޮތަކަށް ފަރުމާކުރެވި މިބިލު، އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ރައީސް އިބުރާހިމް މުޙައްމަދު ޞާލިޙަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޤާނޫނުތަކަށް ގެނެވޭ މިފަދަ އިސްލާހުތައް ގެންނަންވާނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ހިއްސާކުރެވި، އެބޭފުޅުންގެ ރަޢުޔު ހިމެނިގެން ކަމުގައި މިކައުންސިލުންދެކެމެވެ." ވައިކަރަދޫ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބިލުގައިވާ ބައެއް ނުކުތާތައް ފަރުމާކޮށްފައިވާ ގޮތުން މާތްވެގެންވާ އިސްލާމް ދީނުގެ ހަރުދަނާ އަސާސްތަކާއި ފުށުއަރާ ކަންތައްތަކެއް ހުރުމާއި އަދި އިސްލާހުނުކޮށް ފާސްވެއްޖެނަމަ، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު މި ޤާނޫނުގެ ތެރެއިން ލިބިގެން ހިނގައިދާނެކަމަށް ފެންނާތީ، ދީނީ ގޮތުން ހުރި ކަންބޮޑުވުންތައް އިސްލާޙުކުރުމަށްފަހު މެނުވީ، މިބިލް ފާސްނުކުރެއްވުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ އަރިހުން އެދި ދަންނަވާކަމަށްވެސް އެކައުންސިލުން ބުނެފާވެއެވެ.

އެ ކައުންސިލުން ނެރުނު މިބަޔާނުގައި ސޮއިކުރެއްވީ ކައުންސިލުގެ ނައިބު ރައީސް އާއި 3 މެންބަރުންނެވެ. ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އެ ބަޔާނުގައި ސޮއިކުރައްވާފައެއް ނުވެއެވެ.

ވައިކަރަދޫ ކައުންސިލްގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 4 މެންބަރަކާއި، އަދާލަތު ޕާޓީއަށް ނިސްބަތްވާ މެންބަރެކެވެ.

ނަފުރަތުގެ ބިލުގައި ކަންބޮޑުވައި ކަންތައްތައް ހުރިކަމަށާއި އަދި އެ ބިލް އިސްލާހުކުރުމަށް ގޮވާލައި ގިނަ ފަރާތްތަކެއް އަންނަނީ ސަރުކާރަށާއި މަޖިލީހަށް ފާޑުކިޔަމުންނެވެ. ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުންވެސް މިބިލާއި ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. ގިނަ އަދަދެއްގެ ކައުންސިލްތަކުންނާއި އާންމު ޖަމިއްޔާތަކުންވެސް "ނަފުރަތުގެ އަމަލު" ބަޔާންކުރާބިލާއި ދެކޮޅަށްވަނީ ބަޔާންތައް ނެރެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި