މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އިދިކޮޅު ޕީޕީއެމްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ހޮވިއްޖެއެވެ.

މިއަދު މެންދުރު އޮތް މާލޭގެ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ވޯޓުގައި، ނަރީޝްއާއި ވާދަކުރީ އިދިކޮޅު އެމްޑީޕީގެ މައްޗަށް ގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ޒަމީރެވެ.

Ad
rt

އެ ވޯޓުގައި ނަރީޝްއަށް 12 ވޯޓު ލިބުނުއިރު، ޒަމީރަށް ލިބުނީ 7 ވޯޓެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ޕީޕީއެމުން ވާދަކުރަށްވާނެ ބޭފުޅެއް ކަނނޑައެޅީ އިއްޔެ އެ ޕާޓީގެ ކައުންސިލަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. އިއްޔެ ޕީޕީއެމް އޮފީހުގައި އެކަމަށް ބޭއްވި ބައްދަލުވުމުގައި އެ މަގާމަށް ނަރީޝްގެ އިތުރުން ދެން ވާދަކުރެއްވީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އެވެ.

އެ ބައްދަލުވުމުގައި ޖުމުލަ 13 ބޭފުޅުން ބައިވެރިވެ ވޯޓު ދެއްވި އިރު، ޑެޕިއުޓީ މޭޔަރު ކަމަށް ނަރީޝް ގެންނަން ފަސް ބޭފުޅުން ވޯޓު ދެއްވި އެވެ. ނަހުލާ އާއި ޝުޖާއުއަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ހޮވުނު ނަރީޝް އަކީ އިދިކޮޅު ޕީޕީއެމްގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އަދި އޭނާ ވަނީ ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕަބްލިކް ރިލޭޝަންސް އެންޑް އިވެންޓް މެނޭޖަރު ކަމުގެ މަގާމު އަދާކުރަށްވާފަ އެވެ.