"ނަފުރަތުގެ އަމަލު"ބިލުން ބޮޑު ފިތުނައެއް އުފެދިދާނެ: މަރޮށި ކައުންސިލް

Maroshi Council

"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އޮތްގޮތުން ދިވެހި ގައުމުގައި ބޮޑު ފިތުނައެއް އުފެދި، ދީނީ އިލްމުވެރިންނަށް މުންކަރާތްތައް މަނާކުރުމަށް އޮތް ދޮރުތައް ބަންދުވެދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ށ. މަރޮށި ކައުންސިލުން ބުނެފިއެވެ.

މަރޮށި ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމަކީ، ރައްޔިތުންނާއި ދީނީ ޢިލުމުވެރިންގެ ކަންބޮޑުވުން ހުރި ކަންކަމަށް ވާތީ، އެބިލު އަނބުރާ ގެންދިއުމަށް ގޮވައިލާ ކަމަށެވެ.

"ހުށަހެޅިފައިވާ ބިލު ތަރުތީބުކުރެވިފައި އޮތް ގޮތުން، ޤާނޫނީ އިމުގެ ތެރެއިން އިސްލާމްދީނުގެ އަސްލުތަކަށް ފާޑުކިޔާ، ދީނަށް ފުރައްސާރަ ކުރުމުގެ މަގު ފަހިވާކަމަށް ޤަބޫލުކުރެވެއެވެ. އަދި ދިވެހި ގައުމުގައި ބޮޑު ފިތުނައެއް އުފެދި، ދީނީ އިލްމުވެރިންނަށް މުންކަރާތްތައް މަނާކުރުމަށް އޮތް ދޮރުތައް ބަންދުވެދާ ފަދަ ބިލަކަށް، މިބިލުވާނެކަމަށް ޤަބޫލުކުރެވެއެވެ." މަރޮށީ ކައުންސިލުން ބުނެފަވެއެވެ.

އިސްލާމު ދީނުގެ ތަރަހައިން ބޭރުން އެއްވެސް ޤާނޫނެން ނުހެދުމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާކަން ރަޢީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ހަދާންކޮށްދޭ ކަމަށް ވެސް އެ ކައުންސިލުން ބުނެފަވެއެވެ.

މަރޮށި ކައުންސިލުން ބުނީ، އެ ކައުންސިލު ޤަބޫލުކުރަނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަކީ ރައްޔިތުންގެ އަޑު އައްސަވާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދަވާދެއްވާ، އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކޮށްދެއްވާނެ އިޚްލާސްތެރި ބޭފުޅެއްކަމަށެވެ.

"އަދި އަޅުގަނޑުމެން އެންމެން ކަންބޮޑުވުން ފާޅުކުރަމުން މިދާ " ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް " މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅިފައިވާ ބިލު، އިސްލާހުކޮށް އަލުން ހުށަހެޅުމަށް، އާދޭހާއި އެކު ދަންނަވަމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މާތްﷲ މަނިކުފާނަށާއި ދިވެހި އެންމެ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާ، އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތަޢުފީގު މިންވަރުކުރެއްވުމެވެ." މަރޮށި ކައުންސިލުން ބުނެފައެވެ.

މަރޮށި ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް ހިމެނޭހެން އިތުރު ދެ މެންބަރެއް ތަމްސީލް ކުރަނީ އިދިކޮޅު ޕީޕީއެމްއެވެ. ދެން އެ ކައުންސިލްގައި ހިމެނެނީ ވެރިކަންކުރާ ކޯލިޝަންގައި މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރަކާއި، ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ކައުންސިލަރެކެވެ.

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިިމެދު ކަންބޮޑުވުން ފާޅޫކޮށް، އެބިލާއި ދެކޮޅަށް މިހާތަނަށް ރާއްޖޭގެ 90 އަށް ވުރެ ގިނަ ލޯކަލް ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. އެ ބަޔާންތަކުގައި 450 އަށް ވުރެ ގިނަ ކައުންސިލަރުން ވަނީ ސޮއިކޮށްފައެވެ.

މީގެއިތުރުން މި ބިލު އަނބުރާ ގެންދަން ގޮވާލައި، ދިވެހިރާއްޖޭގެ 101 ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އަދި ބައެއް މަދަނީ ޖަމިއްޔާތަކުން ވެސް ދަނީ ބަޔާން ނެރެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި