ހދ. ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަށްވާ ޑޮކްޓަރަކާއެކު އިތުރު ދެމީހަކު އެރަށުން ޕޮޒިޓިވްވެ، އެ ރަށަށް އިތުރު ހާސްކަން ކުރިމަތިވެއްޖެއެވެ.

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

Ad
rt

ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް "ތިލަދުން"އަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު އެރަށުން ޕޮޒިޓިވްވި ދެ ކޭހާއި ގުޅިގެން 32 ސާމްޕަލެއް ނަގައި، ހަމަ އެދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުއްވި ކަމަށެވެ.

"ދެންމެ ނަތިޖާ މި ލިބުނީ، ލިބުނު އިރު 3 ސާމްޕަލް ޕޮޒިޓިވް، އޭގެ ތެރޭގައި މި މަރުކަޒުގެ ޑޮކްޓަރެއް ހިމެނޭ، ދެން ހިމެނެނީ މިރަށުގައި ބޯކޮށާ ތަނެއްގައި މަސައްކަތްކުރާ ބިދޭސީއެއް، ދެން ކުރިން ޕޮޒިޓިވްވި ދެ ބެންގެ ތިމާގެ ކުއްޖެއް، ޑޮކްޓަރާއި، ބޯކޮށާ މީހާ ޕޮޒިޓިވްވުމުން އެމީހުން ވާނީ އެތައް ބަޔަކާ ބައްދަލުވެސް ވެފައި ނޫންތޯ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށައިގެން މިހާރު މިއުޅެނީ" ޒުބޭދާ ވިދާޅުވިއެވެ.

ޒުބޭދާ ވިދާޅުވީ އިތުރު 31 ސާމްޕަލެއް ވެސް ރޭ ނަގާފައި ވާކަމަށާއި، އެ ސާމްޕަލްތައް ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިހާރު ފޮނުވާފަވާ ކަމަށެވެ.

ބުދަ ދުވަހު ޕޮޒިޓިވްވި ދެބެއިންގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރަކު ހިމެނެއެވެ. އެހެން ދިމާވެފައި ވަނިކޮށް، އެރަށުން ޑޮކްޓަރާއި، ބޯކޮށާ މީހެއް ޕޮޒިޓިވްވުމުން، އެމީހުންނަކީ ގިނަ ބަޔަކާއި ބައްދަލުވާނެ ބައެއް ކަމަށްވާތީ ހަނިމާދޫއަށް މިވަނީ އިތުރު ހާސްކަން ކުރިމަތިވެފައެވެ.

ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވްވުމުން ހަމަ ެދުވަހު ހަވީރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.