ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެބެއިން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

Ad
rt

އެ ދެބެއިން ޕޮޒިޓިވްވިކަން އެނގުނީ ހަވީރު 4 ޖަހާކަށް ހާއިރުއެވެ. އެއީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެބެއިންނެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ، ޑޮކްޓަރަށް ދައްކަން ސިއްހީ މަރުކަޒަށް ދިޔުމުގެ ބަދަލުގައި އެ މަރުކަޒަށް ގުޅުއްވައި މައުލޫމާތު ހިއްޞާ ކުރެއްވުމަށްފަަހު އެ މަރުކަޒުގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރެއްވުމަށް ރައްޔިތުން ކިބައިން އެދޭ ކަމަށެވެ.

"މެއި މަހުގެ 29 ވަނަ ދުވަހުގެ ފަހުން ހދ.ހަނިމާދޫ /ސިކްސް ސްޓަރ ގޭގެ އެއްވެސް ފަރާތަކާއި ބައްދަލުވެފައިވާ ފަރާތެއްވާނަމަ މިމަރުކަޒުގެ ނަންބަރު 6520083 އަށް ގުޅުއްވާ، މައުލޫމާތު ހިއްޞާ ކުރެއްވުން އެދެމެވެ." ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވެފަވެއެވެ.

ހަނިމާދޫން ޕޮޒިޓިވްވި ދެބެއިންގެ ތެރެއިން އެއްކުއްޖަކީ އެރަށުގެ ގްރޭޑް 9 ގެ ދަރިވަރެކެވެ.

ހަނިމާދޫއަކީ ދަތުރުވެރިންގެ ފާލަމަކަށްވާއިރު، މިހާލަތުގައި ވެސް އެއީ ގިނަ ބަޔަކު އަރާ ފައިބާ ރަށެކެވެ. އެހެން ނަމަވެސް މިހާތަނަށް ވެސް ސިއްހީ މަރުކަޒުން ގެންދަވަނީ ކޯވިޑް ކަންކަމާގުޅޭ ކަންކަން ވަރަށް ރަނގަޅަށް މެނޭޖް ކުރަށްވަމުންނެވެ.

މިހާ ރަނގަޅަށް ކަންކަން ބަލަހައްޓަމުން ދަނިކޮށް ފްލޫ ކްލިނިކަށް ދެއްކި ދެ ކުއްޖަކު ޕޮޒިޓިވްވުމުން މިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އެތަނުން އެއްކުއްޖަކީ ސްކޫލްގެ ދަރިވަރަކަށް ވުމުން އޭނާ ގިނަ ބަޔަކާ ބައްދަލު ވުމުގެ ފުރުޞަތުވެސް ބޮޑެވެ.