މާތް ﷲ އަށްޓަކައި މިސްކިތެއް ބިނާކުރަން ބޭނުންވާ ފަރާތް ތަކަށް ރަނުގެ ފުރުޞަތެއް ހދ. ނޮޅިވަރަންފަރު ކައުންސިލުން ހުޅުވާލައިފި އެވެ.
ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު ދެކުނުގައި، މިސްކިތެއް ބިނާކުރުމަށް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބިމުގައި މިސްކިތެއް އެޅުމަށް ބޭނުންވާކަމަށެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް "ތިލަދުން" އަށް މަޢުލޫމާތުދެމުން ވިދާޅުވީ، މިހާރު އެރަށުގައި 3 މިސްކިތެއް ހުންނަ ކަމަށާއި މިސްކިތް އެޅުމަށް ރަށުގެ މީހުން ދިރިއުޅެމުންދާ ހިސާބުގެ މެދުގައި ބިމެއް ހާއްސަކުރެވިފައިވާނެ ކަމަށެވެ. އެހެންކަމުން މިބިމުގައި މިސްކިތެއް އިމާރާތްކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އެގޮތުން ކައުންސިލުން ނިންމާފައިވަނީ މިފުރުޞަތު ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ހުޅުވާލުމަށެވެ. އެގޮތުން ޖަމިއްޔާ ޖަމާޢަތްތަކަށާއި ވިޔަފާރި ކުންފުނިތަކަށް އަދި އާންމު ފަރުދުންނަށްވެސް މިފުރުޞަތު ހުޅުވާލެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ މިކަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްއާއި ގުޅައިގެން ކުރިއަށް ގެންދެވުން އެދޭކަމަށެވެ.
އެކައުންސިލްގެ އިޢުލާނުގައި ބުނެފައިވަނީ، ދަރުމައަށް މިސްކިތެއް ބިނާކޮށްދެއްވުމަށް ޝާޢުޤުވެރިވާ ފަރާތްތަކުން، 6520045، 9882777 ނަންބަރާއި ގުޅުއްވާ ނުވަތަ nolhivranafaru262council@gmail.com info@nolhivaranfaru.gov.mv, އީމެއިލް އަށް މައުލޫމާތު ޙިއްސާކޮށްދެއްވުން އެދޭކަމަށެވެ.
ނޮޅިވަރަންފަރަކީ ދީނީގޮތުން ހޭލުންތެރި ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެކެވެ. އެގޮތުން ދީނީ އެކި އެކި ޕްރޮގުރާމްތަކާއި ދަރުސް ޕްރޮގްރާމްތައް ދޭތެރެދޭތެރެއިން އަންނަނީ އެރަށުގައި ހިންގަމުންނެވެ.
ނޮޅިވަރަންފަރަކީ އިހުގައި ހދ. އަތޮޅުގެ ވެރިކަން ކުރި ރަށެވެ. ހދ. އަތޮޅުގެ އަތޮޅުވެރިކަން ކުޅުދުއްފުއްޓަށް ބަދަލުކޮށްފައިވަނީ، 6 މޭ 1992 ގައެވެ. އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން 2011 ވަނަ އަހަރު އެއަތޮޅު މާވައިދޫ، ފަރިދޫ އަދި ކުނބުރުދޫގެ ރައްޔިތުން މިރަށުގައި ވަޒަންވެރި ކޮށްފައިވެއެވެ. ތާރީޚީ ގޮތުން ފާހަގަ ކޮށްލެވޭ މުހިންމު ހާދިސާތަކެއް އެ ރަށުގައި ހިނގާފައިވެއެވެ.
އެރަށަކީ 171.2 ހެކްޓަރުގެ ބޮޑު ރަށެކެވެ. އެރަށުގެ އާބާދީއަކީ 1954 މީހުންނެވެ.
ﷲ އަށްޓަކައި މިސްކިތެއް ބިނާކުރުމަކީ ވަރަށްވެސް ފައިދާކުރަނިވި ކަމެކެވެ. އެމިސްކިތުގެ ސަބަބުން ބަޔަކަށް ހިދާޔަތްލިބުނުކަމަށް ވާނަމަ އެއީ ތިބާއަށް ލިބޭނޭ އަޖުރެކެވެ. އަދި އެމިސްކިތުގައި އަޅުކަންކުރެވެމުންދާ ހުރިހާ ހިނދަކު ތިބާއަށް އޭގެ ހެޔޮޖަޒާ ލިބެމުންދާނެއެވެ. މީގެ އިތުރުން ސުވަރުގޭގައި ގަނޑުވަރެއްވެސް ލިބޭނެކަމަށް ހަދީޘްގައި އޮވެއެވެ.
ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَنْ بَنَى لله مَسْجِدًا بَنَى اللهُ لَهُ بَيْتًا فِي الْجَنَّةِ))[1]
މާނައީ: ﷲ އަށް ޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.
ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. (( مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ ، أوْ أَصْغَرَ ، بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ ))[2]
މާނައީ: ދޫނި ބިސްއަޅަން ވަންނަ ހާލީގެ މިންވަރަށް ނަމަވެސް ﷲއަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!