ހދ. މަކުނުދޫގައި ގާއިމުކުރާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ހަލުވިކުރުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ މާލީގޮތުން އެހީތެރިވާން ނިންމަވައިފިއެވެ.
މެންބަރު ރާޢީ ވިދާޅުވީ، ޔޫތު މިނިސްޓްރީ ރަށް ރަށުގައި އަޅަން ކައުންސިލް ތަކާއި ހަވާލު ކުރި ކުޑަ ކުދިންގެ ޕާކް ތަކަކީ ބޭރު ސަރުކާރަކުން ރާއްޖެ އަށް ހަދިޔާ ކުރި ޕާކް ތަކެއް ކަމަށެވެ.
އަދި ޔޫތު މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީ އިން ޕާރކް ހަދިޔާ ކުރި ކޮންމެ ރަށަކަށް ވެސް ޕާކާއި އެކު ދިހަ ހާސް ރުފިޔާ އެއް ހަމަޔަކުން، ކައުންސިލާއި ހަވާލުކޮށްފައިކަން އޭނާ ފާގަކުރެއްވިއެވެ.
"ރަށުގައި ޕާރކް ގާއިމު ކުރަނީ އެރަށެއްގެ ކައުންސިލުންނެވެ. އަޅުގަނޑު މަކުނުދޫ ގައި ކުޑަކުދިން ޕާރކް ގާއިމްކުރަން އަވަސް ކޮށް ކައުންސިލަށް އެކަމުގެ އެހީތެރި ވުމުގެ ގޮތުން ދިހަ ހާސް ރުފިޔާ ހަދިޔާ ކުރަން ނިންމައިފިން." މެންބަރު ރާޢީ ވިދާޅުވެފަވެއެވެ.
މިދިޔަ ހަފުތާގައި ރާޢީ ވަނީ އޭނާގެ ދާއިރާގެ އެކިރަށްރަށުގައި ހަވާލުކުރެވިފައިވާ މިފަދަ މަޝްރޫޢުތައް އެދެވޭ ބާރު މިނެއްގައި ކުރިއަށް ނުގޮސް، މަސައްކަތްތައް ނުނިމި ދިގުލައިގެން ދާތީ ކަންބޮޑުވުން ވެސް ފާޅުކުރަށްވާފައެވެ.
މިގޮތުން މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރުމަށްފަހު، އެ މަސައްކަތްތަކާއި ހަވާލު ފަރާތްތަކުން ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، ކޮންޓްރެކްޓް އެއްބަސްވުންތަކަކީ އުރައްޕެއް ނެތް އެއްޗެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރާޢީ ވިދާޅުވީ، ކުމުންދޫ އަދި ނޭކުރަންދޫގައި ޔޫތު މިނިސްޓްރީން އެޅުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށާއި، މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމުވެގެން ދިއުމަކީ ދިގުލައިގެން ދިޔަ އުއްމީދެއް ކަމަށެވެ. އަދި ނޭކުރަންދޫގައި ބޮޑު ޓާފް ދަނޑުގެ ދެވަނަ ފޭސްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރަތަމަ ސަބްބޭސްގެ މަސައްކަތް ނިމިގެން ދިއުން ވަރަށް މުހިންމު ކަމަށާއި، ނޭކުރަންދޫ ސްކޫލްގެ ވަށާފާރު މިއަހަރު ތެރޭ ނިމިގެންދާނެ ކަމުގެ އުއްމީދު ކުރަށްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!