ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ނަގަން ޖެހޭ ހުއްދަ ނުނަގާ ހދ. ހަނިމާދޫއަށް ދަތުރުކުރި މީހަކު އަނބުރާ ފޮނުވާލަން ނިންމައިފިއެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު "ތިލަދުން"އަށް ވިދާޅުވީ، އެއީ ށ. ކޮމަންޑޫއިން ހަނިމާދޫއަށް މިއަދު ދަތުރުކުރި ޒުވާނެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ސަމާލުކަމަށް އެކަން އައުމާއެކު ކަން ހިނގާފައިވާގޮތް ބެލިން، އޭނާއަކީ މިރަށަށް ދަތުރުކުރަން ހުއްދަ ނަގާފައިވާ މީހެއްނޫން، އޭނާ އައިސްފައި ވަނީ މިއަދު ށ. ކޮމަންޑޫއިން، އޭނާއައި ބޭނުމެއްކަމަށް ބުނަނީ މިރަށުގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާހޯދުން، ނަމަވެސް އޭނާ އައީ އުސޫލާއެއްގޮތަށް ނޫން ކަމަށްވާތީ، އަނބުރާ ފޮނުވާލަން ނިންމީ، ހުރި ގެއިން ނުކުތުން މަނާކޮށްފައި ވާނީ" ފިރާގް ވިދާޅުވިއެވެ.
ފިރާގް ވިދާޅުވީ، އޭނާ އެރަށަށް ދިޔައީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާހޯދަން ކަމަށް ބުނިނަމަވެސް އެކަން އަދި އެ ސެންޓަރަށް އެނގިފައި ނުވާކަމަށެވެ.
"އެ ސެންޓަރުން އަޅުގަނޑުމެން މައުލޫމާތު ސާފުކުރިއިރު އޭނާ އެތަނަށް ފަރުވާ ހޯދަން އަންނަކަމުގެ ރަސްމީއެއްވެސް ލިޔެކިޔުމެއް ލިބިފައެއްނެތް، ދެން އެ ސެންޓަރުން މާލޭކޮޅުން ވެސް މައުލޫމާތު ސާފުކުރި" ފިރާގް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އަށް ވެސް އޭނާގެ މައުލޫމާތު އަދި ލިބިފައި ނެތްކަމަށް ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ބުނިކަމަށެވެ. އެހެންކަމުން އޭނާ އެރަށަށް އައިސްފައިވަނީ އުސޫލުން ބޭރުންކަމަށް ވާތީ، އޭނާ ފޮނުވާލަން ނިންމީކަމަށް ފިރާގް ވިދާޅުވިއެވެ.
"އަނެއްކަމަކީ އޭނާ މިރަށަށް ދަތުރުކޮށްފައި ވަނީ އޭނާ ދަތުރުކުރި ލޯންޗް ފަޅުވެރިއެއްގެ ގޮތުގައި، އެއީ ވެސް ފާހަގަކުރެވުނުކަމެއް"ފިރާގް ވިދާޅުވިއެވެ.
ފިރާގް ވިދާޅުވީ އެމީހާ އަނބުރާ ފޮނުވާލެވޭނީ މާދަމާ ކަމަށެވެ. އަދި އޭނާ ފޮނުވާލެވެންދެން ހުންނާނީ މިހާރު ހުރި ގޭގައި، ގޭ ބަންދުގައި ކަމަށް ފިރާގް ވިދާޅުވިއެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ މޭމަހުގެ 2 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައިއޮތް އޮތުން އަދިވެސް ނިމުމަކަށް ނުގެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!