ށ. ކަނޑިތީމުން 59 މީހަކު ކޯވިޑް ބަލިން ރަނގަޅުވެއްޖެއެވެ.

އެހެންނަމަވެސް އެރަށުގައި މިވަގުތު ވެސް ކޯވިޑް ބަލީގެ 66 މީހަކު އެބަތިއްބެވެ.

Ad
rt

ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ، އެރަށުގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ މައުލޫމާތު ތަކަށް ބަލާއިރު އިއްޔެގެ ހަވީރު 17:00އާއި ހަމައަށް އެރަށުން 1106 ސާމްޕަލެއްވަނީ ނަގައިފައެވެ.

އެރަށުން އެންމެފަހުން ކޯވިޑަށް ޓެސްޓް ކުރަން ނަގާފައި ވަނީ 30 ސާމްޕަލެކެވެ. އެއީ ފްލޫ ކްލިނިކުން ނެގި 4 ސާމްޕަލަކާއި، ކޮންޓެކްޓު ޓްރޭސިންގެ ގޮތުގައި ނެގި 4 ސާމްޕަލަކާއި އަދި ކަރަންޓީނުގެ މުއަދަތު ހަމަކުރި މީހުންގެ ސާމްޕަލްތަކުގެ ގޮތުގައި ނެގި 22 ސާމްޕަލެކެވެ. މީގެތެރެއިން ޕޮޒިޓިވްވީ 3 މީހެއްގެ ސާމްޕަލެވެ. 27 މީހެއްގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. މި ސާމްޕަލްތަކަކީ މެއި 31 ވަނަ ދުވަހާއި ޖޫން 1 ވަނަ ދުވަހު ނަގާފައިވާ ސާމްޕަލް ތަކެކެވެ.

ކަނޑިތީމުގައި މިވަގުތު 176 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް އެރަށުން 871 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ.

އެރަށުން މިހާތަނަށް ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދަކީ 125 އެވެ.

އެރަށުން ފެނުނު ކޯވިޑް ކޭސްތަކާއި ގުޅިގެން މިވަގުތު ބަންދު ކުރެވިފައި ވަނީ، 57 ގެއެވެ. އަދި އެރަށުގެ 10 ގެއެއްގައި ހޯމް ކަރަންޓީނަށް ދަތުރުކުރި އެރަށު މީހުން ވަނީ ކަރަންޓީނުކޮށްފައެވެ.

ހުސްވި މޭމަހުގެ 10 ވަނަ ދުވަހު ނެގި 5 ރެންޑަމް ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވުމުން ކަނޑިތީމު އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.