ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ އުދުވާންގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ހދ. ހަނިމާދޫއާއި ހދ. ކުމުންދޫގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

އެގޮތުން އެދެރަށުގައި ހިންގުނު ހަރަކާތުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބެހެއްޓުނު ފަންޑުފޮށިތަކުން 87325.7 (އައްޑިހަ ހަތްހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ހަތްދިހަ ފަސް ލާރި) ލިބިފައިވެ އެވެ.

Ad
rt

ހަނިމާދޫގައި މި ފަންޑުފޮށި ހުޅުވާފައިވަނީ ހަނިމާދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ރަށުގައި ހިމެނޭ ޖަމްޢިއްޔާތަކާއި ގުޅިގެން 21 މެއި 2021 ވަނަ ދުވަހު ހަވީރު ހަނިމާދޫގައި ފަލަސްތީނުގެ ހައްޤުގައި އަޑުއުފުލުމަށް ބޭއްވި ހިނގާލުމުގައެވެ.

އެ ދުވަހުން ފަށައިގެން ޖޫން މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް މި ފަންޑުފޮށި ހަނިމާދޫގެ ކައުންސިލް އިދާރާގެ އިތުރުން، ހަނިމާދޫ ސްކޫލާއި، ބަނދަރުގެ އިތުރުން ބައެއް ފިހާރަތަކާއި ހޮޓާތަކުގައި ވެސް ވަނީ ބަހައްޓާފައެވެ.

އިއްޔެގެ މެންދުރު 13:30 ގައި ހަނިމާދޫ ކައުންސިލުގެ މެމްބަރުންނާއި އަދި މި އިވެންޓް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ޖަމްޢިއްޔާތަކުގެ މަންދޫބުންގެ ކުރިމަތީގައި ހަނިމާދޫ ކައުންސިލް އިދާރާގައި މި ފަންޑްފޮށި ހުޅުވައި، އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ވަނީ ގުނާފައެވެ. ފަލަސްތީނަށް އެހީވުމުގެ ގޮތުން ހަނިމާދޫގައި ބެހެއްޓި މި ފަންޑުފޮށިން ވަނީ 41020 (ސާޅީސް އެއްހާސް ވިހި ރުފިޔާ) ލިބިފައެވެ.

ހަނިމާދޫގައި ބެހެއްޓުނު ފަންޑު ފޮށިތައް ގުނަނީ، ފޮޓޯ: ހަނިމާދޫ ކައުންސިލް

ފަލަސްތީނަށް އެހީވުމަށް ލިބިފައިވާ މި ފައިސާވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ފަރާތުން ފަލަސްތީން އެހީވުމަށް ފަށައިފައިވާ ކެމްޕޭންގައި ހާއްސަކުރެވިފައިވާ އެކައުންޓަށް ޖަމާކޮށްފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔުމުގައި ހަނިމާދޫގެ ކުލަބް ޖަމްޢިއްޔާތަކާއި ހަނިމާދޫގެ މުއައްސަސާތަކާއި ހަނިމާދޫގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، މި ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް އުޅުނު ފަރާތެއް ކަމުގައިވާ ދާއޫދު ރަޝީދުވަނީ ޝުކުރު އަދާކޮށްފައެވެ.

ފަލަސްތީނަށް އެހީވުމުގެ ގޮތުން ކުމުންދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަށް ގުޅިގެން ބެހެއްޓި ފަންޑް ފޮށްޓަށް ވަނީ 46305.75 (ސާޅީސް ހަހާސް ތިންސަތޭކަ ފަސްރުފިޔާ ހަތްދިފަ ފަސްލާރި) ލިބިފައެވެ.

ފަލަސްތީނަށް އެހީވުމަށް ކުމުންދޫގައި ހިންގި ފަންޑް ރައިޒިން އިވެންޓެއްގެ ތެރެއިން

މި ހަރަކާތް އެ ރަށުގައި 23 މެއި 2021 އިން 2 ޖޫން 2021 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ ކުމުންދޫ ކައުންސިލުން އިސްނަގައިގެން، ކުމުންދޫ ސްކޫލާއި ކުމުންދޫ ސިއްހީ މަރުކަޒުގެ އިތުރުން ކުމުންދޫ ފެނަކަ ކޯޕަރޭޝަން ގުޅިގެންނެވެ.

މި ހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެފައިވަނީ މި ހަރަކާތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މި ފައިސާ މިއަދުގެ ވަގުތެއްގައި ކުމުންދޫ ކައުންސިލްގެ ބެލުމުގެ ދަށުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ އެކައުންޓަށް ޖަމާކުރާނެ ކަމަށެވެ. އަމީންވަނީ މި ހަރަކާތް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިޔުމުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.