ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލާގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރު ކުރެވިފައިވަނީ 24 އަހަރާއި 25 އަހަރުގެ 2 ދިވެހި ފިރިހެނުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ހައްޔަރުގައި ތިބި 2 މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދެއް އެ 2 މީހުންނަށް ޖަހާފަ އެވެ.
"މި ދެ މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތުވަނީ ދީފައި" .
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލައާއި ގުޅޭ އިތުރު ތަހުގީގަށް ރަހީނުކުރި ޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކުޅުދުއްފުށީ ސިޓީގައި ހިނގި މި މާރާމާރީގައި ޒަޚަމްވި ޒުވާނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ މެއި 29 ވަނަ ދުވަހުގެ ރޭ 09:50 ހާއިރު އެވެ. އޭނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާތީ އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ މެއި 30 ވަނަ ދުވަހުއެވެ.
އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭގައި ވަނީ ކޮށްފަ އެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!