ކޮވިޑް ބަލީގައި ރޭ ނިޔާވި 10 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުން ލަސްވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްްސް (އެޗް.އާރް.ސީ.އެމް) އިން ވެސް ބަލަންފަށައިފިއެވެ.

ކުޅުދުއްފުށީ ސިޓީގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ހދ. ކުޅުދުއްފުށި/ ލާޖަހާގެ، ފާތިމަތު މިޝްކާ މުހައްމަދު ރޭ ނިޔާވީ، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ ފަހުން އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށެވެ.

Ad
rt

އެޗް.އާރް.ސީ.އެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެންބިއުލާނސް ލަސްވި މައްސަލަ އެ މުއައްސަސާއިން ބަލާނެ ކަމަށެވެ.

“މި ހާލަތުގައި ސިއްޙީ ފަރާތްތަކުން ދެއްވަންޖެހޭ ފަރުވާވީހާވެސް އަވަހަކަށްދެއްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.
‏ ބަލިމީހާއަށް ލިބެންޖެހޭ ޚިދުމަތް އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން މި ކޮމިޝަނުން ކުށްވެރި ކުރަން.”

އެޗް.އާރް.ސީ.އެމް އިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުން ހާމަކުރި ގޮތުގައި ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުގައި އެންބިއުލަންސް ފޮނުވުން ލަސްވި މައްސަލަ ކަމާބެހޭފަރާތްތަކުން ބަލަން ފަށާފައިވާކަމަށާއި މިފަދަ އެހެންކަމެއް ތަކުރާރުވިޔާ ނުދިނުމަށް، އެންބިއުލަންސް ފޮނުވާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާނެކަމަށް އެމިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ މިޝްކާގެ ހާލު ދެރަވެގެން އާއިލާއިން އެޗްޕީއޭއަށް ގުޅީ 9:00 ހާއިރު ކަމަށް އާއިލާއިން ބުނެފައި ވެއެވެ. ނަމަވެސް އެންބިއުލަންސް އަށް އާދެވުނީ 11:40 ގައެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ 10 އަހަރުގެ މި ކުއްޖާ ނިޔާވެފައިވަނީ ރޭ ދަންވަރު 12:10 ގައި އައިޖީ.އެމް.އެޗް. އީއާރު ގައި ފަރުވާދެމުން ދަނިކޮށެވެ.