އިންސާނުންގެ ހައްގުތަކާ ގުޅޭ އެކްޓިވިސްޓް އަދި ނޮބަލް ޕްރައިޒް ކާމިޔާބުކޮށްފައިވާ މަލާލާ ޔޫސުފްޒައީ ފަލަސްތީނުގެ ޢައްޒާގެ ކުޑަކުދިންނަށް އެހީވާން 150،000 ޑޮލަރު ހަދިޔާކޮށްފައެވެ.
އޭނާ ދިން އެހީގެ 100،000 ޑޮލަރު “ސޭވް ދަ ޗިލްޑްރެން”އަށް ހަދިޔާކޮށްފައިވާއިރު 25،000 ޑޮލަރު ހަދިޔާ ކުރީ “ކިންޑާ ޔޫއެސްއޭ”އަށެވެ. އަދި ބާކީ 25،000 ޑޮލަރުހަދިޔާކޮށްފައިވަނީ ޢައްޒާގެ އިމާރާތްތައް އަލުން ހެދުމަށް “ޑީސީއައި ފަލަސްތީން” އަަށެވެ.
ކިންޑާ ޔޫއެސްއޭ އަކީ ފަލަސްތީނުގެ ކުޑަކުދިންނަށް އެހީވާން އެމެރިކާގެ މުސްލިމުން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
މަލާލާގެ މި އެހީގެ ސަބަބުން އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން އެކި ގޮތްގޮތުން ގެއްލުންވި ކުޑަކުދިންނަށް އެހީ ލިބޭނެއެވެ. އެގޮތުން، އެ ކުދިންގެ ކިޔެވުމާއި“މެންޓަލް ހެލްތާއި” ސާފު ފެން އަދި ރަނގަޅު ކާނާ ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން މާބަނޑު އަންހެނުންނާއި ވިހައިގެން އުޅޭ މައިންނަށްވެސް މަލާލާ ހަދިޔާ ކުރި ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އައި ހަމަލާތަކުގައި ޢައްޒާގެ 66 ކުޑަ ކުދިން ވަނީ މަރުވެފައެވެ. އަދި ފަލަސްތީނުން ދިން ހަމަލާތަކުގައި އިޒްރޭލުގެ ދެ ކުޑަ ކުދިން ވަނީމަރުވެފައެވެ.
މި ހަމަލާތަކުގައި ޢައްޒާގެ ހަ ހޮސްޕިޓަލަކާއި ނުވަ ކްލިނިކް އަދި 50 ސްކޫލް ވަނީ ހަލާކުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!