ހއ. ހޯރަފުށީ ރޯޝަނީގޭގައި މެއި 31 ވަނަ ދުވަހު ހިނގާފައިވަނީ އަލިފާނުގެ ހާދިސާއެއްކަމަށާއި، އެކަން ކައިރިން ބަލައި އެ ހާދިސާގައި އެގޭގައި އުޅޭ ބަންގްލަދޭޝްމީހާއަށް ފުރިހަމަ އެހީތެރިކަން ވަނީ ފޯރުކޮށް ދެވިފައިކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.

އެ ހާދިސާއާއި ގުޅިގެން ކަންހިނގާދިޔަ ގޮތް ސާފުކޮށް ދިނުމަށް ހޯރަފުށީ ކައުންސިލުން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ.

Ad
rt

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، 31 މެއި 2021 ވީ ހޯމަދުވަހުގެ ހެނދުނު 10:30 ގައި ހޯރަފުށީ ރޯޝަނީގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ރަށުގެ ނަން ކިލަނބުކުރުމަށާއި، ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާ، ރައްޔިތުން ބަދުނާމުވާގޮތަށް މީޑިއާގައި ފަތުރަމުންދާ ޔޯލަ ދޮގު ޚަބަރުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މިދެންނެވި އަލިފާނުގެ ހާދިސާ ހިނގާދިޔަ ވަގުތު ހޯރަފުށީ ރޯޝަނީގެއަށް ހޯރަފުށީ ކައުންސިލްގެ މެމްބަރުންނާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނާ، ރައްޔިތުންވަނީ ހާޟިރުވެފައެވެ. އަދި ރޯވެފައިވާ އަލިފާން ނިއްވުމުގައި އާއްމު ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ވަނީ ލިބިފައެވެ. އެކަން އުފަލާއި އެކު ބަލައިގެން އިޚްލާސްތެރި ޝުކުރު އަދާކުރަމެވެ." އެބަޔާނުގައި ބުނެފަވެއެވެ.

ހޯރަފުށީ ރޯޝަނީގޭގައި އުޅުނު ބިދޭސީ ފަރާތް ކަމުގައިވާ މުޙައްމަދު ސުހައިލް އާއި ހޯރަފުށީ ކައުންސިލުން ބައްދަލުކޮށް އެވަގުތުން ފެށިގެން ރަށުގައި ބިދޭސީން ދިރިއުޅޭ ހޯރަފުށީ އަންނާރުމާގެއަށް ބަދަލުކުރެވި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަސާސީ އެންމެހައި ޚިދުމަތްތައް ހަމަޖައްސައި ދެވުނުކަމަށް އެ ނޫސްބަޔާނުގައި ބުނެފަވެއެވެ.

"ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރިމެމްބަރ އޮނަރަބަލް އަޙްމަދު ސަލީމްވަނީ އެފަރާތުގެ އަތުން އަނދާދިޔަ 5340 ރުފިޔާގެ ބަދަލު ފައިސާ 01 ޖޫން 2021 ވަނަ ދުވަހުގެ 14:00 ގައި ރަސްމީކޮށް ޙަވާލުކޮށްފައެވެ." ހޯރަފުށީ ކައުންސިލުން ބުނެފައި ވެއެވެ.

އެ ކައުންސިލުން ބުނީ، މުޙައްމަދު ސުހައިލްއަށް ދޭންޖެހޭ ރައްކާތެރިކަމާއި އަސާސީ ޚިދުމަތްތަކާ، ފައިސާގެ އެހީތެރިކަން ދާދިއަވަހަށް އެފަރާތަށް ފޯރުކޮށްދެވުމަކީ ހޯރަފުށީ ކައުންސިލަށާއި ރައްޔިތުންނަށް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ތަފާތު ހާދިސާތައް މެދުވެރިވެ ހިގަމުންދާ މިފަދަ ކާރިސާއަކާއި ގުޅިގެން ރަށުގެ އަގުވައްޓާލުމަށް ފަތުރަމުންދާ ޔޯލަ ދޮގު ޚަބަރުތައް ފެތުރުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ވެސް އެ ކައުންސިލުން ބުނެފަވެއެވެ.

ހޯރަފުށީ ރޯޝަނީގޭގައި އުޅޭ ބަންގްލަދޭޝް މީހާއި ގުޅުވައި ފެތުރުނު ވާހަކަތަކުގެ ހަގީގަތް ހޯރަފުށީ ކައުންސިލުން މިއަދު ހާމަކޮށްދިންއިރު، އެމީހާ އިއްޔެ ގެއަށް ދިޔައިރު އޭނާގެ ފޮށި ރޯކޮށްލައި، އޭނާ އެއްކޮށްފައިވާ ފައިސާތައް އަންދާލާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުންނާއި، މީސް މީޑިއާގައި ވަނީ ޚަބަރު ފަތުރާފައެވެ.