ހއ. ތުރާކުނުގައި ތަރައްގީކޮށްފައިވާ ޓާފް ދަނޑާގުޅޭ ގޮތުން އެރަށުގެ ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ތުރާކުނުގައި ތަރައްގީކޮށްފައި ވަނީ ރީތި ޓާފް ދަނޑެއް ނަމަވެސް އެ ދަނޑުގައި ރަބަރު އަޅާފައި ހުރީ އެކަށޭނަ މިންވަރަށްވުރެ މަދުން ކަމަށާއި، އެކަމުގެ ސަބަބުން ކުޅެންދާ ޒުވާނުންނަށް އަނިޔާއާއި ކުރިމަތިލާންޖެހޭ ކަމަށް އެ ޒުވާނުން ބުންޏެވެ.
"އެހާ ފަސޭހައިން އެ ދަނޑަށް ކުޅެންދާ ކުދިންނަށް އަނިޔާވާން ދިމާވަނީ ދަނޑުގައި އެކަށޭނަ މިންވަރަށްވުރެ މަދުން ރަބަރު އަޅާފައި ހުރުމުންކަމަށް އަޅުގަނޑު ގަބޫލުކުރަނީ، މާ މަދުން ރަބަރު އަޅާފައި ހުރުމުން ދަނޑު ބޭނުން ކުރަން ވެސް ދަތިވޭ" އެއް ޒުވާނަކު ބުންޏެވެ.
ވާހަކަ ދެއްކި އިތުރު ޒުވާނަކު ބުނީ ރީތި ދަނޑެއް ލިބި، އެ ދަނޑު ބޭނުން އެދެވޭ ގޮތެއްގައި ކުރެވޭގޮތް ނުވެ އޮތުމަކީ ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށެވެ.
"ދަނޑުގެ މަސައްކަތްކުރަންއައި ފަރާތް ފުރިއިރު ބަނދަރުގައި އެބަހުރި ބައިވަރު ރަބަރުތައް ބާކީވެފައި، ރަބަރު ފޮނުވީ ޔޫތު މިނިސްޓްރީއިން، އެ ދަނޑަކަށް ރަބަރު ފޮނުވާނީ އެ ދަނޑަކަށް އެކަށޭނަ މިންވަރަށްކަން އަޅުގަނޑުމެން ގަބޫލު ކުރަނީ، އެއްވެސް ދަނޑަކަށް އިސްރާފަކަށް ވާވަރަށް ރަބަރު ފޮނުވާނަމަ އެއީ ދައުލަތުން ކުރެވޭ ބޮޑު އިސްރާފެއް ނޫންތޯ؟" އިތުރު ޒުވާނަކު ބުންޏެވެ.
އެ ޒުވާނުން ވަނީ އެ ދަނޑުގެ ބައެއް ފޮޓޯއާއި، ދަނޑު ހަދަން ގެންދިޔަ ތަނުން ގިނަ ވެފައި ރަށުގެ ބަނދަރުމަތީ ހުރި ރަބަރު ތަކުގެ ފޮޓޯވެސް މިނޫހާއި ހިއްސާކޮށްފައެވެ.
އެ ޒުވާނުން ބުނަނީ ޓާފް ދަނޑެއް ލިބިގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެކަން ޝުކުރުވެރިކަމާއެކު ބަލައިވެސް ގަންނަކަމަށެވެ. އަދި ބޭނުން ވަނީ އެ ދަނޑަށް ދިމާވެފައިވާ މައްސަލައެއް އަވަސް ހައްލެއް ކަމަށް ވެސް އެ ޒުވާނުން ބުންޏެވެ.
މިކަމާއި ގުޅިގެން ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބުދުލްލަތީފްއަށް ގުޅާލުމުން ވިދާޅުވީ، އެކަން ވަނީ ކައުންސިލްގެ ސަމާލު ކަމަށް އައިސްފައި ކަމަށެވެ. އަދި އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ހުދު އަޅުގަނޑު ކުޅެންދާއިރު އަޅުގަނޑަށް ވެސް އަނިޔާގެ މައްސަލަތައް ދިމާވޭ، ޒުވާނުން އެފާހަގަ ކުރާގޮތަށް ވަރަށް ގިނަ ޒުވާނުންނަށް އެންޖެރީގެ މައްސަލަތައް ދިމާވެފައި އެބަހުރި." އަލީ ވިދާޅުވިއެވެ.
އެކަން އެގޮތަށް ދިމާވާން ފެށުމުން އެކަން ވާނީ ދަނޑުގެ މަސައްކަތް ކުރި، ކޮންޓެކްޓަރު މައިނާ ސްޕޯޓްގެ ސަމާލުކަމަށް ގެނެސްފައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"މި ދަނޑުގެ ކަންތައްތަކަކީ ކައުންސިލާއި، ދާއިރާގެ މެންބަރު ސައްލެއާއި، ޔޫތު މިނިސްޓްރީ ގުޅިގެން މިހާރު ވެސް ބަލަމުންދާ ކަމެއް، މީގެ ދޮޅުމަހެއްހާ ދުވަސްކުރިން ދަނޑުގެ މަސައްކަތްކުރި ކުންފުންޏަށް ކައުންސިލުންވަނީ މިކަން އަންގާފައި، ދަނޑުގައި ހުރި މަރާމާތުގެ މަސައްކަތަށް އެ މީހުން މިކޮޅަށް އަންނަ ގޮތަށް އޮތީ، މިހާރު އެމީހުން މަސައްކަތް ކުރަމުން އެދަނީ ހޯރަފުށީގައި، އެރަށް ނިންމާފައި މިރަށަށް އަންނާނެކަމަށް މިބަލަނީ"
އަލީ ވިދާޅުވިއެވެ.
ރަބަރުތައް ބާކީވެފައި ހުރުމުން އެކަމާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ ޔޫތު މިނިސްޓްރީ އެރަށަށް ރަބަރު ފޮނުވާފައި ހުރީ ބޮޑު ސައިޒް ދަނޑެއްގައި އަޅާ މިންވަރަށް ކަމަށް ކޮންޓެކްޓަރު މައުލޫމާތު ދީފައިވާ ކަމަށެވެ.
"މިއީ 60*90 މީޓަރު ދަނޑެއް، ކޮންމެސް ވަރަކަށް ރަބަރު އެބަހުރި ބާކީ، އަޅުގަނޑުމެން އެކަން އޮޅުން ފިލުވަން ކޮންޓެކްޓަރާއި ސުވާލު ކުރިން، އެމީހުން މައުލޫމާތު ދިނީ މިރަށަށް ރަބަރު ފޮނުވާފައި ހުރީ ބޮޑު ދަނޑެއްގައި އަޅާ ވަރަށް ގިނައިން ކަމަށް" އަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދަނޑު ހަދަން ޔޫތު މިނިސްޓްރީން ފޯރުކޮށްދިން ޕިޗްގެ ގްރާސްގެ ދިގުމިނަކީ 60 އެމް.އެމް ކަމަށާއި، އަދި ލައިންތަކަށް ފޮނުވާފައި ހުރީ 50 އެމް.އެމް ކަމަށެވެ. އެހެންވުމުން 60 އެމް.އެމް ގެ ގްރާސް އަށް ވާވަރަށް ރަބަރު އެޅުމުން އޭރިޔާ ލައިންތަށް ފާހަގަކުރަން ކޮންމެސް ވަރަށްގެ ދަތިތަކެއް އަންނާނެ ކަމަށެވެ. މިހެން ދިމާވެފައި ވާތީ ޔޫތު މިނިސްޓްރީގެ ޓެކްނިކަލް ބޭފުންނާ މަޝްވަރާކޮށްގެން އެންމެ ރަނގަޅު ގޮތަކީ ކިބައިތޯ ބަލައިގެން ކުރިޔަށް ދާން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއްބަސްވުން އޮންނަގޮތުން ރިޓެންސަން މުދަތުގެ ތެރޭގައި މިހެން ހުންނަ މައްސަލަތައް ހައްލުކޮށް ދޭންޖެހޭ އަދި ކޮންޓެކްޓަރު ޒިންމާވާންޖެހޭނެ، އަދި މުއްދަތު ވެސް އަދި ހަމައެއް ނުވޭ، އަނެއްކޮޅުން ދަނޑުގައި ހުރިކަންކަން ރަނގަޅުކުރީމަ ކޮންޓެކްޓަރެއް ކުރި މަސައްކަތުގެ އަގުވެސް އެއްކޮށް ދޫކުރާނީ، އެމީހުން ތިބީ މިރަށަށްއައިސް މިކަންކަން ހައްލުކޮށްދޭން މަސައްކަތްކުރާ ގޮތަށް" އަލީ ވިދާޅުވިއެވެ.
އެރަށުގެ ކަންކަން ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކައިރިން ބައްލަވަމުން ގެންދަވާ ކަމަށާއި، އެކަމުގައި ވެސް އެމްޕީި ސައްލެއާއި، ކައުންސިލާއި، މިނިސްޓްރީއާއިއެއްކޮށް މަސައްކަތްކޮށް އެދެވޭ ހައްލެއް ނެރެވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް އަލީ ވިދާޅުވިއެވެ. އަދި އެމްޕީ ވެސް ކައުންސިލް ވެސް ބޭނުން ވަނީ ޒުވާނުންނަށް އެ ދަނޑުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތްވުން ކަމަށާއި، މަސައްކަތް ކުރަށްވަނީވެސް އެކަން ހާސިލްކޮށްދޭން ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!