އިޒްރޭލްގެ ހައްދުފަހަނާއަޅާފައި އަމަލުތަކުގެ ސަބަބުން ހައްގުތައް ގެއްލި، ދަތިހާލުގައި އުޅެމުންދާ ފަލަސްތީންގެ ރައްޔިތުންނށް އެހީވުމަށްޓަކައި ހއ. ވަށަފަރުގެ ޒުވާނުން އިސްނަގައިގެން ފައިސާ ހޯދުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައި، އިތުރު އިތުރު ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ.

މިގޮތުން އިއްޔެ ވަށަފަަރުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވިއިރު، މިދިޔަ އަންގާރަ ދުވަހު ވަށަފަރުގައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އަޑުއުފުލައި ހިނގާލުމެއް ބާއްވާފައެވެ. މި ހިނގާލުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.

Ad
rt

ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ވަށަފަރުގައި ކުރިއަށް ގެންދާ ހަރަކާތްތައް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ވަށަފަރުގެ ޒުވާނުންނެވެ.

މިފަދަ ހަރަކާތްތައް ހިންގުމުގައި ވަށަފަރުގެ ކައުންސިލާއި ވަކިވަކި ފަރުދުންގެ ފަރާތުން މިހަރަކާތްތައް ލިބެމުންދަނީ ހީވެސް ނުކުރާހާ ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ކަމަށްް މި ހަރަކާތުގެ އިވެންޓް ކޯޑިނޭޓަރ ހުސެއިން ސިނާން ބުންޏެވެ.

"އިއްޔެގެ ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި 8 ސްޓޯލެއްވާނީ ބެހެއްޓިފަ. އަދި، ފަންޑް ފޮށްޓެއް ވެސް ބަހައްޓައިފަވާނެ. ކޮންމެ ސްޓޯލަކުން ވެސް ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވުމަށް ފީއެއް ނެގިން. ސްޓޯލުތައް ކުރިއަށް ގެންދިއުމަށް ރަށުގެ ވިޔަފާރިވެރިންނާ ވަކިވަކި ފަރުދުންގެ ފަރާތުން ސްޕޮންސަރ ލިބުނު. މިހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ރައްދުކޮށްދެވޭނެ" ސިނާން ބުންޏެވެ.

މިދުވަސްކޮޅަކީ ކޯވިޑް-19 ގެ ނުރައްކާ ބޮޑު ދުވަސްވަރެއް ކަމުން، އިއްޔެ ބޭއްވުނު ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެކަން ކަމަށް ސަމާލުކަން ދީފައިވާނެ ކަމަށް ސިނާން ބުންޏެވެ.

އެގޮތުން، މިހަރަކާތުގައި ބައިވެރިވުމަށް ދިޔަ ފަރާތްތައް ހަރަކާތް ކުރިއަށް ދިޔަ ސަރަހައްދަށް ވައްދާފައިވާނީ ޓެމްޕަރޭޗަރ ޗެކްކޮށް ސެނިޓައިޒްކުރުމަށްފަހުގައި ކަމަށާއި، ސްޓޯލްތަކުގެ ހަރަކާތްކުރިއަށް ގެންދިއުމުގައިވެސް ގައިދުރުކަަމަށް އިސްކަންދީފައިވާނެކަމަށް އިވެންޓް ކޯޑިނޭޓަރ ސިނާން ބުންޏެވެ.

އިއްޔެ ހަރަކާތުން ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަށް ބަލައި މިއަދު މެންދުރު 1:00 ން ރޭގަނޑު 8:00 އަށް ވަށަފަރުގެ ޔޫތު ސެންޓަރ ކައިރީ ކައިބޯތަކެތި ވިއްކުމުގެ ގޮތުން ގާޑިޔަލެއް ބެހެއްޓުމަށް ނިންމައި، މިހާރު އެހަރަކާތް ކުރިއަށްދާކަމަށް ސިނާން ވިދާޅުވިއެވެ. ސިނާން ފާހަގަކުރިގޮތުގައި، މިހަރަކާތަކީ ވަށަފަރުގެ ޒުވާނުން އިސްނަގައިގެން މިހާތަނަށް ހިންގުނު އެންމެ ބޮޑު އެއްހަރަކާތެވެ.

"އަޅުގަނޑުމެންގެ ޓާގެޓްކީ މިރަށުގެ ފެންވަރުން އެހީތެރިކަން ފޯރުކޮށްދެވޭނެ އެންމެ ބޮޑަކަށް ފޯރުކޮށްދިނުން. މިހަރަކާތް އިންތިޒާމުކުރުމުގައި ވަށަފަރުގެ ސުކޫލުންނާއި ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. ރަށުގެ ރައްޔިތުނ،ް ހާއްސަކޮށް ޒުވާނުންގެ ފަރާތުން ލިބިގެންދާ އެއްބާރުލުމުގެ ސަބަބުން މިހަރަކާތް މިހާ ކާމިޔާބުކޮށް ކުރިއަށް މިގެންދެވެނީ. އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." ސިނާން ބުންޏެވެ.

މި އިވެންޓް އިންތިޒާމްކުރި ޒުވާނުންނަށް މި އިވެންޓްގެ ހިންގާ ކޮމެޓީގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާކަމަށް ސިނާން ބުންޏެވެ.

ވަށަފަރުގެ އިތުރުން ތިލަދުންމަތީގެ ގިނަ ރަށްތަކެއްގައި މިފަދަ ހަރަކާތްތައް ހިންގާފައިވާއިރު، އަދި ވެސް މިފަދަ ހަރަކާތައް ދަނީ ކުރިއަށެވެ.