ހއ. ފިއްލަދޫ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން އެވެ. އޭނާ އެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުއާ ވާދަކޮށް އެއް ވޯޓުގެ ތަފާތުންނެވެ.
ރައީސްގެ ވޯޓު އަލުން ގުނަން އަމުރުކޮށްދޭން އެދި އިރުޝާދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގަައި އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިންތިިޚާބުގެ ވޯޓު ގުނަމުން ދިޔައިރު އިރުޝާދުގެ ފަރާތުން އެއްވެސް ޝަކުވާއެއް ވޯޓުލާ މަރުކަޒުގެ ވެރިިޔާއަށް ހުށަހަޅާފައިި ނެތް ކަމަށެވެ.
އަދި ފަހުން ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާގައި ވެސް އެކަމަށް ބާރު ލިބިދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނަން އަމުރު ނުކުރެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން އެ މައްސަލަ ނިމެންދެން ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސްގެ ހުވާކުރުން ފަސްކުރަން ހައި ކޯޓުން ކުރިން އޮތީ އަމުރެއް ނެރެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!