ށ. ފުނަދޫއިން އެރަށު ސްކޫލްގެ ދަރިވަރަކު ޕޮޒިޓިވްވުމުން ކަރަންޓީނުކުރި ފަރާތްތަކުގެ ތެރެއިން ރިލީޒް ސާމްޕަލް ނަގަންޖެހޭ ފަރާތްތަކު ސާމްޕަލްތައް ނެގެޓިވްވުމުން އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި ގޭތަށް ކަރަންޓީނު ވީއްލައިފިއެވެ.

ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 26 ގެއެއް ކަރަންޓީނު ކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އިއްޔެ ވަނީ އެ ދަރިވަރާއި، އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުކުރި ހުރިހާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ނަގާފައެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފަ އެވެ. އެހެންކަމުން މިއަދު ވަނީ އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި ފަރާތްތަކާއި ގޭތަށް ކަރަންޓީނުން ވީއްލާފައެވެ.

Ad
rt

ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު ހުސައިންފުޅު "ތިލަދުން"އަށް ވިދާޅުވީ އެރަށު ސްކޫލް ކްލާސްޓާއާއި ގުޅިގެން ކަރަންޓީނުކުރި މީހުންނާއި، ގޭތަށް މިއަދު ކަރަންޓީނުން ވީއްލާފަ ވާކަމަށެވެ.

"ޕޮޒިޓިވްވި ދަރިވަރާއި، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުން ސާމްޕަލްތައް އިއްޔެނެގީ، ހޮސްޕިޓަލުން ވަނީ އެ ސާމްޕަލްތައް ނެގެޓިވްކަން އަންގާވާފަ،" އަޙްމަދު ވިދާޅުވިއެވެ.

ފުނަދޫން މިމަހުގެ 7 ވަނަ ދުވަހު ވަނީ އެރަށު ބަދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކުވެސް ޕޮޒިޓިވްވެފަ އެވެ. އެމީހުން ވަނީ ދޯނީގައި 14 ދުވަހަށް ކަރަންޓީނުކޮށްފަ އެވެ. އަދި އެމީހުން ޕޮޒިޓިވްވުމާގުޅިގެން އެ ދޯނީގައި މަސައްކަތްކުރި އެރަށުގެ ވަޑިން ނިސްބަތްވާ 8 ގެއެއް ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.

މެއި 4 ވަނަ ދުވަހު އެރަށަށް ބަނދަރުކުރި، އެރަށު ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެ، އެ ފަޅުވެރިންނާއެކު އެ ބޯޓު ވެސް ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފަ އެވެ.

ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު މެއި 7 ވަނަ ދުވަހު ޕޮޒިޓިވްވެ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރޭ 23:04 ގައި އެރަށް މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައެވެ.

ފުނަދޫގަ ބަލި ފެތުރިފަވޭތޯ ބެލުމަށް ވަނީ ސަތޭކަ ފަންސާހެއްހާ ރެންޑަމް ސާމްޕަލް ވެސް ނަގާފަކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއްވައެވެ. ނަމަވެސް އަދި އެ ސާމްޕަލްތަކުގެ ނަތީޖާއެއް ނުލިބެއެވެ.