ށ. ބިލެތްފަހި ކައުންސިލް އިދާރާގެ 2015، 2020 އަދި 2021 ވަނަ އަހަރުގެ ކަރަންޓް ބިލުތަކުގެ މައްސަލާގައި ވަކިފަރާތަކަށް ފިޔަވަޅު ނޭޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

އެގޮތަށް ނިންމީ އެލްޖީއޭގެ ބޯޑުގެ 2021 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުމުގަ އެވެ.

Ad
rt

އެ ބައްދަލުވުމުގައި ބިލެއްފަހި ކަރަންޓުބިލުތަކާއި ގުޅޭ މައްސަލައާއި ގުޅޭގޮތުން ނިންމި ނިންމުމުގަ ބުނެފަ ވަނީ، ބިލެއްފަހި ކައުންސިލު އިދާރާގެ 2015، 2020 އަދި 2021 ގެ ކަރަންޓްބިލް ތަކުގެ މައްސަލާގައި ބިލްތަށް ދެއްކިފައި ނުވަނީ ކައުންސިލު އިދާރާގެ ވަކި ފަރާތެއްގެ އިހުމާލުން ކަމަށް ލިބިފައިވާ ލިޔެކިއުންތަކުން ސާބިތު ނުވާކަމަށެވެ.

އެ ބިލުތައް ދެއްކުމަށް ކައުންސިލު އިދާރާއިން މިނިސްޓްރީ އޮފް ފިނޭންސާއެކު ގިނަ މުޢާމަލާތް ތަކެއް ކޮށްފައިވާ ކަމަށް ވެސް އެ ނިންމުމުގަ ބުނެފަ ވެއެވެ. އަދި އެ ބިލުތަކަށް ނުދެއްކި ހުރި ފައިސާއިން ބޮޑު އަދަދެއް ދައްކާ ޚަލާސްކޮށްފައިވުމާއެކު، ބިލެއްފަހި ކައުންސިލު އިދާރާއިން އެފައިސާ ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީއާއި، މިކަމުން ކައުންސިލުގެ ޒިންމާ އަދާކުރުމަށް މައްސައްކަތް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް އެ ނިންމުމުގަ ވެއެވެ.

އެހެންކަމުން މި މައްސަލައާއި ގުޅިގެން ވަކިފަރާތަކަށް ފިޔަވަޅު އެޅުމަށް ނުފެންނަކަމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފަ އެވެ.

މީގެއިތުރުން އެލްޖީއޭގެ ބޯޑުން ވަނީ ބިލެއްފަހި ކައުންސިލް އިދާރާގެ ފަރާތުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، އަދި މާލީ ކަންކަން ކުރުމުގައި މާލިއްޔަތު ޤާނޫނާއި ޤަވައިދުގައި ބަޔާންކުރާ ކަންކަން ކުރެވޭކަން ކައުންސިލު އިދާރާގެ ތެރޭގައި ކަށަވަރުކުމަށް ދެންނެވުމަށް ފެންނަކަމަށް ވެސް ނިންމާފަ އެވެ.