ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެމީހުން ބަލައިދިޔަ، ކުރިން ކަންނެލީގެ މަސްވެރިކަމަށް ބޭނުންކުރި "މަހުރޯދި" ނަމަކަށްކިޔާ އެ ދޯނި އެރަށުގެ ބަނދަރުގައި ބާއްވައިގެން ވަނީ މުދާ އުފުލާ ދޯންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އެމީހުން އެރަށަށް ދިޔައީ ފުނަދޫގައި ބާއްވައިގެން ކުރަންހުރި މަސައްކަތް ނިމުމުން އެ ދޯނި ބަލައެވެ.

Ad
rt

ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު "ތިލަދުން"އަށް ވިދާޅުވީ، އެ މީހުން ކޯވިޑަށް ޓެސްޓް ކުރީ އަލާމާތްތަކެއް ފެނިގެން ރިޕޯޓް ކުރުމުން ކަމަށެވެ.

"އޭގެތެރެއިން 3 މީހެއްގެ ފަރާތުން ބަލީގެ އަލާމާތް ފެނިގެން އެމީހުން ރިޕޯޓްކުރީ، ޓެސްޓްގެ ނަތީޖާ ލިބުނުއިރު ދޯނިބަލާއައި ފަސް މީހުން ވެސް ޕޮޒިޓިވް، އެމީހުން ވާނީ އެ ދޯނީގައި ކަރަންޓީނު ކުރެވިފައި" ޒުމްރަތު ވިދާޅުވިއެވެ.

އެމީހުން ޕޮޒިޓިވްވުމާގުޅިގެން އެ ދޯނީގައި މަސައްކަތްކުރި އެރަށުގެ ވަޑިން ނިސްބަތްވާ 8 ގެއެއް ވެސް މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.

އިއްޔެ ހަވީރު 5:00ގެ ފަހުން އެ ދޯންޏަށް އެރިމީހެއް ވާނަމަ ށ. އަތޮޅު ހޮސްޕިޓަލްގެ 6540061 ނަމްބަރު ފޯނަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

މެއި 4 ވަނަ ދުވަހު އެރަށަށް ބަނދަރުކުރި، އެރަށު ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެ، އެ ފަޅުވެރިންނާއެކު އެ ބޯޓު ވެސް ވަނީ 14 ދުވަހަށް ކަރަންޓީނު ކޮށްފަ އެވެ. އަދި މެއި 1 ވަނަ ދުވަހު އެރަށުން ވަނީ ދަރިވަރަކު ވެސް ޕޮޒިޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގިޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން އެރަށުގެ 26 ގެއެއް ވަނީ ކަރަންޓީނު ވެސް ކޮށްފަ އެވެ.