ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ރިސޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ކުރިންވެސް އެމްޓީޑީސީން ވަނީ ވިދާޅުވެފައެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު "ތިލަދުން"އަށް ވިދާޅުވީ، ނާގޯށީގައި ތަރައްގީކުރަން މަސައްކަތްކުރާ ރިސޯޓުގެ މަސައްކަތަށް ބޭނުންވާ އިދާރީ ކަންކަން ގާތްގަނޑަކަށްހެން މިހާރު ނިމިފަ ވާކަމަށެވެ.
އެ މަސައްކަތަށް ޓޫރިޒަމް މިނިސްޓްރީން ހޯދަންޖެހޭ ހުއްދައިގެ 95 އިންސައްތަގެ ހުއްދަ ވެސް ލިބިފަ ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނާގޯށިގައި މަސައްކަތް ފެށުމަށްޓަކައި އެރަށުގެ ބައެއް ސަރަޙައްދުތައް މިހާރު ސާފުވެސް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނާގޯށީގެ މާސްޓަޕްލޭންގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމި، އެރަށް ތަރައްގީކުރާނެ ބަޔަކުވެސް ހޯދިފައި، އިރާދަކުރެއްވިއްޔާ ރޯދަ މަސް ނިމި ލަސްވެގެން ދެތިން މަސްތެރޭ އަމަލީ މަސައްކަތް ފެށިގެންދާނެ" ތަޒްމީލް ވިދާޅުވިއެވެ.
ތަޒްމީލް ވިދާޅުވީ ކޯވިޑްގެ ދަތިކަމުގެ ތެރެއިން ލަސްކަމެއް އަތުވެދާނެ ކަމަށާއި، ނަމަވެސް އެރަށް ތަރައްގީކުރަން އިންވެސްޓަރެއް ހޯދައި، އެހެނިހެން އިދާރީ މަސައްކަތް ވެސް ކުރިއަށް ގެންދެވުނީ މިހާލަތުގައިކަމުން ރިސޯޓުގެ އަމަލީ މަސައްކަތް ޓާގެޓަށް ފެށިގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.
"މިހާރު އީއައިއޭގެ މަސައްކަތްވެސް އެ ދަނީ ކުރިއަށް، އަދި އިމާރާތް ކުރުމަށް ބޭނުންވާ އެހެނިހެން ހުއްދަތަކުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ" ތަޒްމީލް ވިދާޅުވިއެވެ.
ތަޒްމީލް ވިދާޅުވީ، އެކުންފުނިން މިހާރު އެރަށް ތަރައްގީކުރަން ނިންމާފައިވާނީ ކުރިން ނިންމާފައިއޮތް ގޮތަށް ނޫންކަމަށެވެ. މިހާރުގެ ނިންމުމުން ކުންފުންޏަށް އިތުރު ފައިދާ ލިބިގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"މިހާރުގެ ކޮންސެޕްޓަކީ ރިސޯޓްތަރައްގީކޮށް ހިންގުމުގެ ފައިދާއިން އެމްޓީޑީސީއަށް އަހަރަކު 15 އިންސައްތަ ލިބުން، އެހެންވީމަ މިހާރު ރަށުގެ ކުލީގެ އިތުރުން ފައިދާއިން ވެސް ފަނަ އިންސައްތަ ލިބޭނެ، ކުރިން އޮތްގޮތުން ލިބޭނީ ކުލި އެކަނި، ދެން ބަކީ 85 އިންސައްތައަކީ ރިސޯޓު ތަރައްގީކޮށް ހިންގާ ފަރާތަށް އޮންނައެއްޗެއް" ތަޒްމީލް ވިދާޅުވިއެވެ.
އެ ރިސޯޓުގައި ގާތްގަނޑަކަށް 500 އާއި 600 އާ ދެމެދުގެ އަދަދަކަށް އެނދު ތަރައްގީކުރަން ވަނީ ނިންމާފަ އެވެ. އެރަށުގައި ހަދަން ނިންމާފައިވަނީ ފަސް ތަރިއާއި ހަތަރީގެ ކޮޓަރިތަކެކެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީ އަށް ހދ. ނާގޯށި ދޫކޮށްފައިވަނީ 2006 ވަނަ އަހަރެވެ. އެރަށުގައި ތަރައްގީ ކުރަން ނިންމީ 600 އެނދުގެ ރިސޯޓެވެ. ރަށް ތަރައްގީ ކުރުމަށް ފުރަތަ ސަބްލީޒް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލައާ އެވެ. ނާގޯށި ރިސޯޓު ހިންގުމުގެ އެއްބަސްވުމެއްގައި އެމެރިކާގެ ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭ އިން ހަވާލުކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި އެ ކުންފުނިން ކުރިން ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ. ނަމަވެސް އެކަން ހާސިލްވެފައެއް ނުވެއެވެ.
ރިސޯޓު ތަރައްގީކުރުމަށް އެމްޓީޑީސީއަށް ސަރުކާރުން ދީފައިވާ އެރަށުގެ މަސައްކަތް ނުނިމި، ދިގުލައިގެން ދާތީ އެ ރަށް އެމްޓީޑީސީގެ ދަށުން ވަކިކޮށް، އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރަން ވެސް 2016 ވަނައަހަރުގެ އޮކްޓޫބަރ މަހު ނިންމިއެވެ.
މިސަރުކާރުއައުމާއެކު، އަލުން އެރަށް ތަރައްގީކޮށް ހުޅުވުމުގެ މަސައްކަތް އެމްޓީީޑީސީންފެށިއެވެ. އެކުންފުނިން ކުރިން ބުނެފަވާގޮތުގައި އެރަށުގެ މަސައްކަތް ފަށާތާ 2 ނުވަތަ 3 އަހަރު އެރަށް ނިންމަން ހޭދަވާނެއެވެ.
ހދ. އަތޮޅުގައި މިހާތަނަށް އޮޕަރޭޓް ކުރަނީ ހދ. ހޮނޑާފުށި ރިސޯޓު އެކަންޏެވެ. ތްރީއޭ ކުންފުނިން ތަރައްގީކޮށް، 18 މާރިޗް 2018 ވަނަ ދުވަހު ހުޅުވި އެ ރިސޯޓުގައި ދެ ކެޓަގަރީއެއްގެ 80 ކޮޓަރި ހުރެއެވެ. އެއީ 75 އަކަ މީޓަރުގެ ސުޕީރިއާ ބީޗު ބަންގަލޯ އާއި 89 އަކަ މީޓަރުގެ ޑިލަކްސް ބީޗު ބަންގަލޯ އެވެ. އެ ރިސޯޓުން ނިންމާފައި ވަނީ އަހަރަކު 100 ކޮޓަރި އިތުރުކުރަމުން ގޮސް، ފަސް އަހަރު ތެރޭގައި އެ ރިސޯޓުގައި 400 ވިލާ ގާއިމުކުރުމަށެވެ. ހޮނޑާފުށި ރިސޯޓުގައި ސްޕާ އެންޑް ވެލްނެސް ސެންޓަރެއް ހުންނަ އިރު، އެކި ވައްތަރުގެ މޫދުކުޅިވަރު ވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރެ އެވެ. މީގެ އިތުރުން ބީޗު ވޮލީއާއި ފިޓްނެސް ސެންޓަރެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!