ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. މީސްތަކުން އުޅެންވީ ގޮތް ބަޔާން ކުރަށްވަން ﷲ سبحانه وتعالى ރަސޫލުން ފޮނުއްވަވައި، ފޮތް ބާވައިލައްވަތެވެ. އެ ފޮތް ތަކުގައި މީސްތަކުންނަށް ގެއްލުންވާ އެންމެހައި ކަންކަމުން ދުރުވެ ތިބުމަށް ނަޞީޙަތްތެރިވެ އިރުޝާދު ދެއްވަތެވެ. އަދި ހަމަ އެހެންމެ، އިންސާނުންނަށް ފައިދާ ހުރި ކޮންމެ ކަމެއްގެ ވާހަކަ ވެސް އެ ފޮތް ފޮތުގައި ބަޔާން ކުރަށްވައި އަންގަވަތެވެ.
މިފަދައިން ބާވައި ލެވޭ ފޮތްފޮތުގައިވާ އިރުޝާދުތަކާއި މީސްތަކުން ދުރުވެ ފޭވަން ފެށުމުން، އަނެއްކާ ވެސް ނަބިއްޔުންނާއި ރަސުލުން ފޮނުއްވަވައި އައު ފޮތްފޮތަކާއި ޝަރީޢަތްތައް ބާވައިލައްވަތެވެ. އެފަދަ ބައެއް ފޮތްފޮތުގެ ނަން ކީރިތި ޤުރުއާނުގައި ޒިކުރު ކުރައްވާފައި ވެއެވެ. އިބްރާހީމުގެފާނަށް ބާވައިލެއްވުނު ޞުޙުފުތަކެވެ. މޫސާގެފާނަށް ބާވައިލެވުނު ތައުރާތެވެ. ދާވޫދުގެފާނަށް ބާވައިލެއްވުނު ޒަބޫރެވެ. ޢީސާގެފާނަށް ބާވައިލެއްވުނު އިންޖީލެވެ. މި ސިސްލިލާގެ ތަރުތީބުން އެންމެ ފަހުން ބާވައިލެވިފައިވާ ފޮތަކީ ކިރިތި ޤުރުއާނެވެ.
ކިރިތި ޤުރްއާނަކީ މުޙައްމަދު ﷺގެ މައްޗަށް ބާވައިލެވިފައިވާ ޝަރީޢަތެވެ. އޭގެފަހުން އިތުރު ފޮތެއް އައުމެއް ނުވާ ފޮތެއްގެ ގޮތުގައެވެ. އިންސާނިއްޔަތަށް ފޮނުވޭ ރިސާލަތު ޚަތަމްވާ މިފޮތުގެ މާތްކަން އެހެން ހުރިހާ ފޮތެއްގެ މައްޗަށް ކުރިހޯދައެވެ. ސަމާވީ ދީންތަކުގެ ގޮތުގައި ދުނިޔޭގައި ބަލައިގަންނަ ކޮންމެ ދީނެއްގެ ކޮންމެ ފޮތަކުން ވެސް ކީރިތި ޤުރުއާނައިގެން މި އުއްމަތުގެ މާތް ނަބިއްޔާ ފާޅުވާނެކަމުގެ ހެކިތައް ފެންނަށް ހުރެއެވެ. އެ ދީން ތަކުގެ ފޮތްތަކަކީ އެ މީހުންގެ އަތްތަކުން ބަދަލު ކޮށްފައިވާ ފޮތްތަކެއް ކަމުގައި ވާޙާލު ވެސް މި ދެންނެވި ހުއްޖަތް އެ ފޮތްފޮތުން ބޭރުވެފައި ނުވާކަމީ ކީރިތި ޤުރްއާނުގެ މަތިވެރިކަމާއި މާތްކަން ހާމަވާ ހެއްކެކެވެ.
މުސްލިމުންގެ ދުސްތޫރު ކަމުގައިވާ ކީރިތި ޤުރުއާނަކީ މަތިވެރި މާތް އިލާހެއްގެ ޙަޟަރަތުން ފޮނުވުނު ފޮތެއްކަމާއި، އެފޮތް ރައްކައުތެރި ކޮށްދެއްވާނީ އެ އިލާހުކަން ބަޔާން ކުރައްވަމުން ﷲ ވަޙީ ކުރައްވަނީ¬¬¬ ﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ (سورة الحجر: ٩)
މާނައީ: "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ." ﷲގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އެ އިލާހުގެ އެންގެވުމާ އެއްގޮތަށް އަދާ ޖެހެންދެން ވެސް ކީރިތި ޤުރްއާން، ފުރަތަމަ ބާވައިލެއްވުނު ދުވަހެކޭ އެއްގޮތަށް އެއަށް އެއްވެސް އުނި އިތުރެއް ނައިސް އޮތް އޮތުން މިކަމަށް ހެކިދެއެވެ.
އަހަރުމެން މިއަދު ވެސް މި ކިޔަވަނީ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެ ދުވަހު ވެސް ކިޔަވާވިދާޅުވި ޤުރުއާނެވެ. އޭގެ އެންމެ ސޫރަތަކަށް ވެސް ބަދަލު އައިސްފައި ނުވެއެވެ. އަދި އެއްވެސް އާޔަތަކަށް ކީއްކުރަންތޯ އެންމެ އަކުރަކަށް ވެސް ބަދަލު އައިސްފައި ނުވެއެވެ. މި ޤުރްއާނުގެ މާތް ކަމާ މަތިވެރިކަން އެއީ އެ ފޮތަށް ލިބިގެންވާ ކަމެކެވެ. އޭގެ މާތް ކަމުން ހިއްސާ ލިބޭނެ ބަޔަކީ އެފޮތް ކިޔަވައި، އޭގައި އޮތް އެއްޗަކަށް ޢަމަލު ކުރާ ބަޔަކަށެވެ. އެ ފޮތުގެ މާތް ކަމާއެކު އެ ފޮތް މަތާރަން ފިލާ މަތީ ހިރަފުސް ބުރަން ބޭއްވުމަކުން އޭގެން އިންސާނުނަށް ކުރާނެ ފައިދާއެއް ނޯންނާނެވެ.
އަޅަމެންނަކީ ޤުރްއާން ކިޔަވައި އޭގެ ޢިލްމު އުނގެނެން މަސައްކަތްކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! އޭގައިވާ އިންޒާރުތަކަށް ބިނުވަތައި އޭގައިވާ އަމުރުތަކަށް ބޯލަނބައި ކިޔަމަންގަންނަ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!