މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އެ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށަކަށް ހަދައި، މަތީ ތައުލީމުގެ ބިލް އިސްލާހުކޮށް މިއަދު ފާސްކޮށްފި އެވެ.

މިއަދުއޮތް މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި އެ ބިލް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

Ad
rt

މި ބިލްގައިވާ ގޮތުން އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީ ކުށެކެވެ. އެފަދަ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

މީގެއިތުރުން ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށް ކަމަށް އެ ބިލުގަ ބުނެފަ ވެއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ހިމަނާފަ އެވެ.

ދަރިވަރު އެފަދަ އަމަލެއް ހިންގިތޯ ބެލުމަށް، އެކަށިގެންވާ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރަން ވެސް ބިލުގައި ވަނީ ލާޒިމްކޮށްފަ އެވެ. އަދި އެފަދަ އަމަލެއް ދަރިވަރު ހިނގައިފި ނަމަ ބިލުގައި ބަޔާން ކުރާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމަށް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެގޮތަށް އެ އިސްލާހު ހުށަހެޅީ އެހެން މީހުން ލައްވައި އެސައިންޓްމަންޓް ހެދުން އާންމުވެ ދަރިވަރުންނަށް ހަގީގީ މަންފާ ނުލިބި ރާއްޖޭގައި ދޭ މަތީ ތައުލީމުގެ ފެންވަރު ދަށްވެ، އޭގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ދައްވާތީ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.