ތިލަދުންމަތީ ހުނަރުވެރިން: ސުމައްޔާގެ މޭކަޕްގެ ޖާދޫ!

Sumayya

އަނެއްކާ ވެސް ތަފާތު ހުނަރުވެރިއެކެވެ. ހދ.ކުޅުދުއްފުށީގެ ގިނަ ކައިވެނި ޚަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތަށް އިތުރަށް ފުރިހަމަ ކޮށްދިނުމުގައި މިހާރު ކުޅުދުއްފުށީގެ އެންމެ މަޤުބޫލް އެއް މޭކަޕް އާޓިސްޓަކީ އެރަށު ފިނިފެންޖަންބުގޭ ސުމައްޔާ އިބްރާހީމެވެ. އެކުވެރިންގެ ނަމުންނަމަ ސުމައްޔާއެވެ.

އާޓްގެ ތަފާތު މަސައްކަތްތަކަށް އެންމެ ކުޑައިރުއްސުރެ ވެސް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ސުމައްޔާ ތަޢުލީމް ހާސިލް ކޮށްފައި ވަނީ ވެސް އާޓްގެ ދާއިރާއިންނެވެ. ނަމަވެސް އެ ދުވަސްވަރު އުނގެނުމުގެ މަރުހަލާ ނިންމާލުމަށް ފަހު ކުރިއަށް ދިއުމަށް ވަކި ދާއިރާއެއް ސުމައްޔާ ޚިޔާރު ކޮށްފައި ނުވެއެވެ.

މޭކަޕް ކުރުމުގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ސުމައްޔާ ބުނެފައިވަނީ އެންމެ ފުރަތަމަ މިކަން ކޮށް އުޅުނީ ކޮއްކޮ އަދި ދައްތަ މެން ތަފާތު ހަފްލާތަކަށް ތައްޔާރު ކޮށްދިނުމުގެ ގޮތުން ކަމަށެވެ. ހަމަ އެ ދުވަސްވަރު ގާތް ރަހުމަތްތެރިން ވެސް އެކި ޚަފްލާތަކަށް މޭކަޕް ކޮށްދީ އުޅުނީ ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް އެއްވެސް ވަރެއްގެ ވިސްނުމެއް އޮވެގެން ނޫން ކަމަށެވެ.

 

View this post on Instagram

 

A post shared by Sumayya (@sumayya_makeupartist)

އާއިލާގެ ކުއްޖެއްގެ ކައިވެނި ހަފްލާއަކަށް ކޮށްދެވުނު މޭކަޕަކަށް ލިބުނު ތަރުހީބުގެ ސަބަބުން ސުމައްޔާގެ ވިސްނުން މުޅިން ބަދަލުވިއެވެ. މޭކަޕް ކުރުން އިތުރަށް ދަސްކުރަން ޝަޢުޤު ހިތުގައި އުފެދުނެވެ. އިންޓަނެޓްގެ ތަފާތު ޒަރިއްޔާއިން މަޢުލޫމާތު ހޯދައި މި މަސައްކަތަށް ނުކުތީ މީގެ އަށްވަރަކަށް އަހަރު ކުރިން އަމިއްލައަށް ކުރި ބުރަ މަސައްކަތުންނެވެ. އެއްވެސް އެއްޗެއް އުނގެނިގެންނެއް ނޫނެވެ.

ސުމައްޔާގެ މޭކަޕް ކުރުމުގެ ކެރިއާގައި އަނެއްކާ ވެސް އައު ބާބެއް ފެށިގެން ދިޔައީ 2019 އަހަރު ލަންކާއިން ފުރިހަމަކުރި ހެއާ އެންޑް ބިއުޓީ ޑިޕްލޮމާ ކޯހަށް ފަހުގައެވެ. އޭގެކުރިން ހަމައެކަނި އާދައިގެ މޭކަޕް ކުރަމުން އައި ނަމަވެސް މިހާރު ޒީނަތްތެރިވުމަށް ކުރެވޭ ހުރިހާ މޭކަޕަކަށް ވެސް ސުމައްޔާ ފަރިތައެވެ. އަމިއްލައަށް ކުރި ބުރަމަސައްކަތާއި ދާއިރާއިން އުނގެނެން ކުރި މަސައްކަތްތަކަށް ފަހު މިހާރު ސުމައްޔާ އެ ހުރީ އެންމެ އުހުގައެވެ.

 

View this post on Instagram

 

A post shared by Sumayya (@sumayya_makeupartist)

މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ސުމައްޔާގެ އޮތީ މައިގަނޑު ދެ ނަސޭހަތެކެވެ. ފުރަތަމަ ކަމެއް ގޮތުން އޭނާ ފާހަގަ ކޮށްފައިވަނީ މޭކަޕް އާޓިސްޓަކަށް ވާން ބޭނުންނަމަ ހިތުގައި މިކަމަށް އާދަޔާ ޚިލާފް ލޯތްބެއް އޮންނަން ޖެހޭނެއެވެ. އެއަށްފަހު ބުރަކޮށް މަސައްކަތްކަތް ކޮށް ކޮންމެ ދުވަހަކު ވެސް އައު ކަންކަން ދަސްކުރަމުން ގެންދިއުމަކީ ލާޒިމް ކަމެއް ގޮތުގައި އޭނާ ޤަބޫލް ކުރެއެވެ.

މޭކަޕް ކުރުމަކީ މިހާރު ދިވެހިން ބަލައިގެންފައިވާ މަސައްކަތެކެވެ. ސުމައްޔާ ފާހަގަ ކޮށްފައިވާ ގޮތުގައި މި މަސައްކަތަށް އޮންނަ ޑިމާންޑް މިހާރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންނެވެ. ސުމައްޔާއަށް ފުރުޞަތު ލިބެމުން ދަނީ ހަމައެކަނި އުފަން ރަށް ކުޅުދުއްފުށިން އެކަންޏެއް ނޫނެވެ. އަތޮޅު ތެރޭގެ އެހެން ރަށްރަށުން ވެސް ސުމައްޔާއަށް އަންނަނީ ފުރުޞަތުތައް ލިބެމުންނެވެ.

 

View this post on Instagram

 

A post shared by Sumayya (@sumayya_makeupartist)

"މި ވަރަށް ވަގުތު ބޭނުންވާ މަސައްކަތެއް، ވީމާ ރަނގަޅު ކޮލިޓީ ޚިދުމަތެއް ބޭނުންވާނަމަ ދުރާލާ ގުޅައި އެޕޮއިންޓްމެންޓް ހައްދާލުން މުހިންމު"

މި މަސައްކަތަށް ހުރިހައި ވަގުތެއް ހުސްކޮށްގެން ހުރި ސުމައްޔާ ބުނެފައިވެއެވެ.

ސުމައްޔާއަށް ވަގުތުގެ ދަތިކަމެއް ނެތެވެ. ބޭނުންވަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެންމެ ކޮލިޓީ ޚިދުމަތް ފޯރުކޮށްދޭށެވެ. ވުމާއިއެކު ވަގުތު އޮއްވައި ދުރާލައި ރިކުއެސްޓް ކޮށްލުމަކީ ތިޔަ ކަސްޓަމަރުންގެ ޚަފްލާ އެންމެ ފުރިހަމަ ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

 

View this post on Instagram

 

A post shared by Sumayya (@sumayya_makeupartist)

ލިބިފައިވާ ހުނަރެއް އެހެން މީހުންނަށް އުނގަންނައި ދިނުމަކީ ގިނަ ހުނަރުވެރިންގެ އުންމީދެވެ. މިގޮތުން މިއަދާއި ހިސާބަށް އުނގަންނައި ދިނުމަށް އަދި މަސައްކަތްތަކެއް ކުރެވިފައިނުވި ނަމަވެސް ސުމައްޔާގެ ހުނަރު އެހެން ބަޔަކަށް ކޮންމެވެސް ސިފައެއްގައި އުނގަންނައި ދިނުމަކީ ވެސް އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.

 

View this post on Instagram

 

A post shared by Sumayya (@sumayya_makeupartist)

މަސައްކަތަށް ބޭނުންވާ ސާމާނު ނުވަތަ ބޭނުންވާ ކޮލެޓީގެ ސާމާނު ފަސޭހައިން ރާއްޖެއިން ލިބެން ނެތުން، މިއީ ވަރަށް ގިނަ ދާއިރާތަކުގެ ބޮޑު ޝަކުވާއެކެވެ. މި މަސައްކަތުގައި ސުމައްޔާއަށް ވެސް އޮތީ މި ގޮންޖެހުމެވެ. ބޭނުންވާ ތަކެތި ފަސޭހައިން ރަށުން ނުވަތަ ރާއްޖެއިން ވެސް ނުލިބުމެވެ.

ސުމައްޔާ ޤަބޫލްކުރާ ގޮތުގައި މޭކަޕް އާޓިސްޓަކަށް އޭނާއަށް ވެވުމުގެ އެންމެ ބޮޑު ޝުކުރެއް ހައްޤުވާ ފަރާތަކީ އޭނާގެ ބޭބެއެވެ. ހުރިހާ ވަގުތެއްގައި ވެސް މި ދާއިރާއިން ސުމައްޔާ ކުރިއަށް ގެންދިޔުމަށް އެންމެ ބޮޑު މަސައްކަތް ކޮށްދީ ހިތްވަރު ދެއްވީ ބޭބެއެވެ. އަދި އާއިލާއެވެ. މަންމައާއި ބައްޕައެވެ. އަދި ގާތް ރަހުމަތްތެރިންނެވެ.

 

View this post on Instagram

 

A post shared by Sumayya (@sumayya_makeupartist)

ސުމައްޔާ މިހާރު ދެކެމުން އަންނަ ހުވަފެނަކީ މި މަސައްކަތަށް ހާއްސަ ސްޓޫޑިއޯއެއް ހަދައި މި މަސައްކަތް އެހެން ހަރުފަތަކަށް ގެންދިއުމެވެ. އަދި އެތަނުން މި ކަމާއި ގުޅުންހުރި ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ސުމައްޔާގެ މަސައްކަތުގެ ފެންވަރު އެންމެ ފަސޭހައިން ދެނެގަނެވެން އޮތް މަގަކީ އޭނާގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ. ޒިޔާރަތް ކޮށްލައްވާށެވެ. އަދި މޭކަޕާއި ގުޅޭ ޚިދުމަތެއް ބޭނުންވާނަމަ ރިކުއެސްޓް ކޮށްލަންވީއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *