ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން މިއަހަރުގެ އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް 450.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ހިސާބު ރިޕޯޓް ބުނާގޮތުން ދައުލަތުގެ ބަޖެޓުން މި އަހަރު ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޭން ވަނީ ކަނޑައަޅާފައެވެ.

Ad
rt

އޭގެތެރެއިން އޭޕްރިލް 8 ވަނަ ދުވަހުގެ ނިޔަލަށް 450.3 މިލިއަން ރުފިޔާ ކައުންސިލްތަކަށް ވަނީ ދޫކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައި ވަނީ 415.3 މިލިއަން ރުފިޔާ އެވެ.

ލާމަރުކަޒީ ނިޒާމްގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކައުންސިލްތަކަށް މި ސަރުކާރުން ވަނީ ބޮޑެތި ބާރުތަކެއް ދޫކޮށްފައެވެ. މިގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މުހިންމު އިސްލާހްތަކެއް ގެނެސް، ކައުންސިލްތަކަށް މާލީ ގޮތުން ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

މިގޮތުން ކައުންސިލްތަށް ބާރުވެރި ކުރުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ %5 ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ރަށްރަށުގައި ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ވަނީ ލިބިދީފައެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ.