3 ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑާ އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އީސީއިން، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވަނީ ތިން ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކެނޑުމަށް މަޝްވަރާކޮށްފައެވެ. އެ ތިން ފޮއްޓަކީ މިހާތަނަށް ނަތީޖާ ކަނޑަނާޅާ ތިން ފޮއްޓެވެ.

Ad
rt

އެ ތިން ފޮއްޓަކީ، މ. މުލައް، މ. މުލި އަދި ފ. ނިލަންދޫ ވޯޓު ފޮއްޓެވެ. އީސީއާއި، އެ ކޮމިޝަންގެ ޤައުމީ ލަފާދޭ ކޮމިޓީއާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހު އެ ތިން ވޯޓު ފޮށި އަލުން ކަނޑާ ވޯޓު ގުނުމަށް ނިންމާފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

އެ ވޯޓު ފޮށިތަށް އަލުން ގުނަން ނިންމި ނަމަވެސް، އެ ވޯޓު ފޮށިތައް ކަނޑާނެ ވަކި ގަޑިއެއް އަދި އީސީއިން ހާމައެއް ނުކުރައްވައެވެ.

އެ ތިން ވޯޓުފޮށި ކަނޑާ އަލުން ވޯޓު ގުނުމަށްފަހު މާދަމާގެ ނިޔަލަށް ވަގުތީ ނަތީޖާ އިޢުލާންކޮށް ނިންމާލެވޭނެކަމަށް އީސީގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތިޖާ މިހާރު އީސީއިން ޢިއުލާން ކުރަމުންދާއިރު، އެ އިންތިޚާބާ ގުޅިގެން މިހާތަނަށް 89 ޝަކުވާ އީސީއަށް ހުށަހަޅާފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާތައްކަމަށް އެކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން އިންތިހާބުގެ ބައެއް ދާއިރާތަކުގެ ނަތީޖާ ޝީޓުގައި މައްސަލަތަކެއް ހުރެގެން ވެސް އިލެކްޝަންސް ކޮމިޝަނުންވެސް ދަނީ އެމައްސަލަ ބަލަމުންނެވެ.