ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރިތާ އެއްދުވަސް ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފިއްލަދޫ ކައުންސިލުން މިމަސައްކަތް ކުރުމަށް ސޮއިކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެކު އެވެ.

Ad
rt

ފިއްލަދޫ ކައުންސިލްގެ ރައީސް ފަލާހް "ތިލަދުން" އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، އެމަސައްކަތް ހަވާލުކުރި ފަރާތުން އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު މިހާރު އެރަށް ގެންގޮސްފައިވާކަމަށެވެ. އަދި މިއީ 105 ދުވަހުގެ ތެރޭގައި ނިންމާގޮތައް ހަވާލުކުރެވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓަށް ތިން މިލިއަން އެއް ލައްކަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އައްޑިހަ އެއް ރުފިޔާ އަރާ ކަމަށެވެ.

ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ފިއްލަދޫ ކައުންސިލުން އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގަ އެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިއާއި އެކު ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ކުރިއަށްގެންދަން ކައުންސިލްތަކާއިވަނީ ހަވާލުކޮށްފަ އެވެ.

ހއ. މާރަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް މަސައްކަތްވަނީ ފަށާފައެވެ.