ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ޑުބާއީގެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދައްކައި، އެ ވެންޓިލޭޓަރުތައް ނުލިބިވާ މައްސަލާގައި، އެ ފައިސާ އަނބުރާ ހޯދަން އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ވަރޗުއަލްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ވެންޓިލޭޓަރުތައް ރާއްޖެއަށް ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސްއަށް ދެއްކި ފައިސާއާއި އެއްގޮތަށް އެ ވެންޓިލޭޓަރުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަަމަށެވެ.
އެގޮތުން އެކި މުއްދަތުތައް ދީގެންވެސް ވެންޓިލޭޓަރުތައް ގެނައުމަށް ކުރި މަސައްކަތުން ނަތީޖާ ލިބިފައިނުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގައި އަމަލުކުރާނެ ގޮތުގެ ލަފައަކަށް ސަރުކާރުން ބަންޑާރަނައިބްގެ އޮފީހުގައި އެދުމުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ލަފާ ދެއްވާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޖިނާޢީ ތަހުގީގެއް އޮތްނަމަ އެކަން ކުރެވެމުން ގެންދާނެކަމަށާއި، މިކަމުގައި އެއްވެސް މީހަކު ޝާމިލްވެފައިވާނަމަ އެމީހަކާމެދު ފިޔަވަޅު އެޅޭނެކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ވެންޓިލޭޓަރު ގަންނަން ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ.
އެ ކުންފުންޏަކީ ވެންޓިލޭޓަރު ގަނެދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކުރުމުން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނިވެސް މެއެވެ. އެ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް ފައިސާ ދޫކޮށްފައިވަނީ އެއްބަސްވުމެއް ނެތި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!