ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު ދިނުމަށް ޙައްޤު ލިބޭ މީހުންގެ ރަޖިސްޓަރީގައި ސޮއި ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފުރުސަތު ހުޅުވާލައިފި އެވެ.

މިގޮތުން އީސީއިން ވަނީ އެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 31 މާރިޗު 2021 އިން 02 އެޕްރީލު 2021 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

Ad
rt

ކެންޑިޑޭޓުން ނުވަތަ ކެންޑިދޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައެވެ.

ސޮއި ކުރަން ހަމަޖެހިފައިވާ ގަޑި ތަކަކީ މާދަމާ އާއި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 08:00 އަށެވެ އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.

އީސީން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާ ނަމަ އެކަން ބަޔާންކޮށް ސޮއި ކުރާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ވެސް ގެންދަން ޖެހެއެވެ.

ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން އެޕާޓީއަކުން އައްޔަނު ކުރާ ފަރާތް ސޮއިކުރަން ދާނަމަ އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖަހާފައިވާ ސިޓީއެއް ގެންދަން ޖެހޭނެ ކަމަށް އީސީން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ތާވަލުކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށެވެ.