ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހާލަތު މިހާ ދެރަވަރުވެފައި އޮތް ދުވަސްވަރެއް ދެކެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ވައިގެ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރަށްވާފައިވާ، އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ކެޕްޓަން އަމީން މިމޭރުމުން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

އަމީން ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ހާލަތު މިހާ ދެރަވަރުވެފައި އޮތް ދުވަސްވަރެއް ދެކެވަޑައިގެންފައި ނުވާކަމަށާއި، އެ އެއާޕޯޓްގައި ބޭނުންކުރާ އެކްސްްރޭ މެޝިން ހަލާކުވެފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

''ޓާމިނަލް އަވަނެއްހާ ހޫނު، އެއާކޯނުތައް މަސައްކަތެއް ނުކުރޭ، މިއީބާ ދެންހުރި އެއާޕޯޓްތަކުގެ ހާލަކީ، މެއިންޓެއިން ނުކުރެވި ވިރާނާ ވަނީބާ؟'' ކެޕްޓަން އަމީން ވިދާޅުވެފަ ވެއެވެ.

ކެޕްޓަން އަމީންގެ މިކަން ބޮޑުވުން ފާޅުކުރަށްވާފައިވާއިރު، އުތުރުގެ މައިދޮރާށިން ލިބޭ ޚިދުމަތްތައް ދައްވުމާއި، ޓާމިނަލްގެ ހޫނު ކަމާއި، ސެކިއުރިޓީ ޗެކިންގައި ހުރި ދަތިތަކާގުޅިގެން މީގެކުރީން ބައެއް ދަތުރުވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޯވިޑްގެ ކުރީން އެވްރެޖްކޮށް ދުވާލަކު ޑޮމެސްޓިކް 7 ފްލައިޓަށްވުރެ ގިނައިން ފްލައިޓް ދަތުރުތައްކުރި އެ އެއާޕޯޓަށް މިހާރު އެވްރެޖްކޮށް ދުވާލަކު އަޅަނީ 5 ފްލެއިޓެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުރިން އިންޑިއާގެ ޓްރެވެންޑްރަމަށާއި، ކޮޗިންއަށް އިންޓަނޭޝަނަލް ދަތުރުތައް ކުރަމުން އައި އެއާޕޯޓެއް ނަމަވެސް ކޯވިޑްގެ ހާލަތުގެ ސަބަބުން އަލުން އެ ދަތުރުތައް އަދި ފަށާފައެއް ނުވެއެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

މިގޮތުން އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްފެށުމުގެ ފަހު މަރުހަލާގައިވާ ކަމަށް ސަރުކާރުން ހާމަކުރަށްވާފައިވާއިރު، އެ އެއާޕޯޓު ތަރައްޤީ ކުރުމަށް ނިންމާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ދަށުންނެވެ.

އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ މި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގުކުރުމަށާއި، އައު ޓާމިނަލެއް އެޅުމަށް ވަނީ ނިންމާފައެވެ. އެ އެއާޕޯޓްގެ ރަންވޭގެ މިހާރުގެ ދިގުމިނަކީ 1200 މީޓަރެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި ޑޯނިއާ މަތިންދާ ބޯޓު ބާއްވާފައި އޮންނަނީ ވެސް އެ އާޕޯޓްގައެވެ. އެ ބޯޓު ބަލަހައްޓަން 30 އަށްވުރެ ގިނަ އިންޑިއާ ސިފައިން ހަނިމާދޫގައި އެބަތިއްބެވެ.

ހަނިމާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.