ހއ. ފިއްލަދޫ އާއި ހއ. ވަށަފަރު ފަޅުތެރެއިން މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް "ތިލަދުން" އަށް މަޢުލޫމާތުދެމުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ މިއަދު 11 ޖަހާކަންހާއިރު މަހަށް ގޮސް އެންބުރި އެރަށަށް އައި ދޯންޏަކަށްކަމަށެވެ.
އަދި އެތަކެތި ބަންދުކޮށްފައި ހުރި 50 ޕެކެޓް އެރަށުން ފެނިފައިވާކަމަށާއި ޕެކެޓެއްގައި 1 ކިލޯ ހުރިކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ހއ. ވަށަފަރު ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެރަށު ގޮނޑުދޮށުން ނުކަނޑާއޮތް 4 ޕެކެޓް ފެނިފައިވާކަމަށާއި އަދި ފަޅައިގެން ގޮސް ފައިވާ އިތުރު ކަވަރުތަކެއް ފެނިފައިވާކަމަށެވެ.
މިޕެޓްތައް ލައްގާފައިވަނީ ފަޅުތެރެއަށާއި ގޮނޑުދޮށަށް ކަމަށް މަޢުލޫމާތު ދެއްވި އެވެ. ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ވަހީދު ވިދާޅުވި އެވެ.
ފިއްލަދޫއިން ފެނުނު ތަކެތިވެސް ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ. މިދެރަށުގެ އިތުރުން ހއ. އަތޮޅުގެ ބައެއް ފިނޮޅުތަކުންވެސް މިތަކެތި ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!