ނާސާއިން ހާއްސަ ތަހުގީގެއް ކުރަން ޖައްވަށް ލައްކައަކަށްވުރެ ގިނަ ފަނި ފޮނުވައިފިއެވެ.
މި ފަނިތައް ފޮނުވާފައިވަނީ ޖައްވުގައި ހުންނަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު 120،000 ފަނި އެ ސްޓޭޝަނަށް ފޮނުވާފައިވާ ކަމަށް ނާސާއިން ބުނެއެވެ.
މިއީ ޖައްވުގައި އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ދިރާސާ ކުރުމުގެ ގޮތުން ފޮނުވި ފަނިތަކެކެވެ. މި ފަނިތަކާއެކު ހާއްސަ ޑިވައިސެއްވެސް ނާސާއިން ވަނީ ފޮނުވާފައެވެ. މި ޑިވައިސް ބޭނުންކޮށްގެން ފަނިތަށް ހަށިގަނޑުގައި ހުންނަ "މަސަލްސް" ފްލެކްސް ކުރާ ގޮތަށް އަންނަ ބަދަލުތައް ދެނެގަނެވޭނެއެވެ.
އިންސާނަކު ޖައްވަށް ދިއުމުން ހަށިގަނޑުގެ މަސްތަކާއި ކަށީގެ އެހާ ބޮޑަށް ބޭނުން ކުރަން ނުޖެހެއެވެ. މިއީ ޖައްވުގައި ގްރެވިޓީ ނެތުމުގެ ސަބަބުން ވާ ކަމެކެވެ. ނަމަވެސް ޖައްވަށް ދާ އިންސާނުންގެ މަސް އަދި ކަށީގެ "މާސް" ދަށްވާ ކަމަށް ދިރާސާތަކުން ވަނީ ދައްކައިފައެވެ. މި ފަނިތައް ޖައްވަށް ފޮނުވައިފައި ވަނީ މިކަމާ ގުޅޭ ތަހުގީގުތައް ކުރުމަށެވެ.
ފަންޏަކީ ކޮންމެ ކަހަލަ މާހައުލެއްގައި އުޅެވޭ އެއްޗެކެވެ. ޗަކައިން ފެށިގެން އެންމެ ހޫނު ގަދަ ފަރުބަދަތަކުގައި ވެސް ފަންޏަށް އުޅެވެއެވެ. މިތަކެއްޗާއި އިންސާނުންގެ މޮލިކިއުލްސްއާ އެއްގޮތް ކަމަށް ސައިންސްވެރިން ބުނެއެވެ.
އިންސާނުންނަށް ދިމާވާ ބައެއް ކަންކަން ދިރާސާ ކުރުމަށް އިންސާނުންގެ މޮލިކިއުލްސް ހުންނަ ޖަނަވާރުތައް ބޭނުން ކުރެއެވެ. އެގޮތުން، ބޭހާއި ވެކްސިން ޓެސްޓު ކުރުމަށްވެސް މިފަދަ ޖަނަވާރުތައް ބޭނުން ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!