"ކޯވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ.
ބަންގްލަދޭޝްގެ މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއަރ އެޑްމިރަލް (ރޓ) ނަޒްމުލް ޙަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީއެވެ.
މި ޓީމްގައި 10 ނަރުހުންނާއި، 7 މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނެއެވެ. އަދި މި ޓީމް 2 މަސް ދުވަހު ރާއްޖޭގައި ތިބޭނެއެވެ.
ހެލްތު މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން މި ޓީމް މަސައްކަތްކުރައްވާނީ މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ. ތިނަދޫ، ލ ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ޕްރޮގްރާމްތަކުގައި ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ދެއްވަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ މަތިން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ފަށާފައިވާ މި ކެމްޕޭނަށް ސިއްހީ މާހިރުން އިތުރަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް މިފަދަ ޓީމެއް ފޮނުއްވިކަމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ބަންގްލަދޭޝްއިން މެދުކެނޑުމެއްނެތި ވެދެމުންދާ އެހީތެރިކަމުގެ މިސާލެއް ކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވިއެވެ.
'' "ކޯވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން، މި ކަމުގައި ޤަވާޢިދާ އެއްގޮތަށް އުޅޭ އަދި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ.'' ފޮރިން މިނިސްޓްރީއިން ވިދާޅުވި އެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑުތަނުން ވަނީ ހަރުދަނާކުރެވިފަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!