1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން ރަހުމު ކުޑަ އުދުވާނީ ހަމަލާގެ މުގުލުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލާގައި އޭނާގެ މައްޗަށްކުރި ދައުވާއަށް އިތުރާފްވެ، ވީހާ ވެސް ކުޑަ ހުކުމެއް އިއްވައި ދިނުމަށް ކޯޓްގައި އެދިއްޖެ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ރާއްޖެއިން ފިލައިގެން ދިޔައީ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއި އެކުގައި ކަމަށާއި، މީހުން ބަންދު ކުރާ މަރުކަޒުން އޭނާ ފިލިކަމަށް ނުބެލެވޭނެ ކަމަށް ލުތުފީ ބުންޏެވެ.
އޭނާ ބުނީ، ބޭސް ފަރުވާއަށް ދިއުމަށް ލިބުން ހުއްދައިގައި ރާއްޖެއިން ބޭރަށް ގޮސް ފިލި ކަމަށް އެއްބަސްވާން ބޭނުންވާ ކަމަށާއި ވީހާވެސް އަވަހަކަށް މައްސަލަ ނިންމަން ވެސް ބޭނުންވާތީ ދައުވާއަށް އިއުތިރާފްވާން ބޭނުންވާ ކަމަށެވެ. އަދި ދެވެން އޮތް އެންމެ ކުޑަ އަދަބެއް ދިނުމަށް ވެސް އޭނާ ވަނީ ޝަރީއަތުގައި އެދިފަ އެވެ.
ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މި ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާ އަށް 2010 ވަނަ އަހަރު ރާއްޖޭން ބޭރަށް ފޮނުވުމުން ފިލި މައްސަލައިގަ އެވެ. އެ ދައުވާ ޕީޖީއޮފީހުން، ކްރިމިނަލް ކޯޓަށް ހުށަހެޅީ 2 މާރިޗް 2020 ގައެވެ.
މި މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ މިޔަ އަހަރުގެ ޖޫން 13 އަދި 14 ވަނަ ދުވަހު ވެސް ކުރިއަށް ގެންގޮސްފައެވެ.
މި ކުށުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އެންމެ ކުޑަކޮށް ދެވޭނީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.
ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ދިޔަ ލުތުފީ 2010 ވަނަ އަހަރު ފިލާފައިވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުންނެވެ.
ލުތުފީ ފިލައިގެން މިނިވަންކަމާއިއެކު އަވަށްޓެރި ސްރީލަންކާގައި އުޅޭކަމަށް ލުތުފީއާއި ބައްދަލުވާ މީހުންގެ ފުށުން ޚަބަރުލިބެމުން ދިޔަނަމަވެސް އޭނާ ނުވަ އަހަރު ދުވަހު ފިލައިގެން އުޅުނެވެ.
ލުތުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2019 ވަނަ އަހަރު ލަންކާގައި ބޮން ގޮއްވި ހާދިސާތަކާއި ގުޅިގެން ލަންކާ ފުލުހުން ނުކުމެ ހިންގި ޚާއްސަ އޮޕަރޭސަންސްގައި ވިސާނެތި ދިރިއުޅެމުންދިޔަ މީހުންތައް ހައްޔަރުކުރަން ފެށުމުން ހިމާޔަތް ހޯދުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔުމުންނެވެ.
އެމްބަސީގައި ހުއްޓާ ލުތުފީ މާލެ ގެނެސް ޖަލަށްލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަދުވަހު ލަންކާގެ ކުލީ ސިފައިން ގޮވައިގެން ރާއްޖެ އަރާ ކުށެއް ނެތް 19 ދިވަހިން ޝަހީދުކޮށްލި މައްސަލާގައި ލުތުފީގެ މައްޗަށް މަރަށް މަރު ހިފަން ކޯޓުން ހުކުމްކުރި ނަމަވެސް އޭރުގެ ރައީސް މައުމޫން އެ އަދަބު އުމުރު ދުވަހަށް ޖަލަށް ލުމަށް ލުއިކޮށްދެއްވިއެވެ.
ނޮވެމްބަރު 3 ގެ އުދުވާނުގައި ކުލީ ސިފައިންގެ ހަމަލާތަކުން ޤައުމު ސަލާމަތްކޮށް، އެބައިމީހުން ސިފައިންގެ ހިފުމަށް ކުރިމަސައްކަތް ނާކާމިޔާބުކޮށްލައި، އެބައިމީހުންގެ ރޭވުން ނާކާމިޔާބު ކޮށްލުމުގެ އެއް ހިއްސާދާރަކީ ހދ. ކުޅުދުއްފުށީ ޝަހީދު ހުސައިން އާދަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!