މަކުނުދޫއާއި ބިލެތްފަހި ހިމެނޭހެން 4 އެއާޕޯޓެއް އެޅުމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Maldivian

ހަތަރު ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ކޮށްފައިވާ ޢިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ.

ސަރުކާރުން އަލަށް އެއާޕޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ރަށްތަކަކީ އުތުރުން ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުއްޓެވެ.

މިގޮތުން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން، އެ ހަތަރު ރަށުގައި އެއާ ޕޯޓް އެޅުމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 28ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. ކުރިން މިކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ، ފެބްރުއަރީ 15 ގެ ނިޔަލަށެވެ.

ފިނޭންސް މިނިސްޓްރީއިން ވަނީ މިމަސައްކަތްތައް ކޮށްދިނުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފަ އެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާއިރު، އެއް ފަރާތަކަށް އެއް އެއާޕޯޓަށްވުރެ ގިނަ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅިދާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ޢިއުލާންގައި ބުނެފަ ވެއެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން ވެސްް ވިއްސަކަށް މިނެޓް ތެރޭގައި ދެވޭ ހިސާބުގައި އެއާޕޯޓެއް ބާއްވަން ކުރީގެ ސަރުކާރުން ކަނޑައެޅި ސިޔާސަތު މިސަރުކާރުން ދަމަހައްޓާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓިއެއްގައި ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި މިހާރު ބައިނަލް އަގްވާމީ ތިން އެއާޕޯޓެއް އޮތްއިރު، ޑޮމެސްޓިކް 14 އެއާޕޯޓެއް އެބައޮތެވެ. އޭގެ ތެރޭގައި އުތުރަށް ނިސްބަތްވާ އެއާޕޯޓް ތަކަކީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ހދ. ކުޅުދުއްފުށީ އެއާޕޯޓާއި، ހއ. ހޯރަފުށީ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓާއި، ބ. ދަރަވަންދޫ އެއާޕޯޓާއި އަދި ރ. އިފުރު އެއާޕޯޓެވެ.

މިހާރު ވެސް ބައެއް އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި