ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބޭނެއެވެ.

Ad
rt

ދިރާގުން މައުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ18 އަހަރާއި30 އަހަރާ ދެމެދުގެ މީހުންނަށެވެ. އޭލެވެލް ނިންމައި އެއްގޮތަކަށްވެސް ވަޒީފާގެ ތަޖުރިބާ ލިބިފައި ނުވާ މީހުންނަށް މި ޕްރޮގްރާމުގައި އިސްކަން ދޭނެއެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ތިނަދޫ، އަދި އެދަފުށީގައި ޤާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ދާނެއެވެ. އެހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެންވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮގްރާމުގައި ދިރާގުގެ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި މާކެޓިން، ސޭލްސް، ހިއުމަން ރިސޯސަސް،ފައިނޭންސް، ނެޓްވޯކްސް، ބިޒްނަސް ސޮލިއުޝަންސް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓް ހިމެނެއެވެ.

ވަޒީފާގެ މާހައުލަށް އަންނަމުންދާ ކުރިއެރުންތަކާއި ބަދަލުތަކާ އެއްގޮތަށް ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށްވެސް ދަނީ އިތުރު ފުރިހަމަކަމެއް ގެންނަމުންނެވެ. އެގޮތުން، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގެވެރިކަން ހުރި ޒުވާނުންނަށް އެ ފުރުސަތު މިއަހަރު މިވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އައިޓީ ދާއިރާއިން ސެޕެޝަލައިޒްވާން ބޭނުންވާ ފަރާތްތަކަށް ސެޓިފައިޑް ޓްރޭނިން ދެވި، މި ދާއިރާގެ މާހިރުންގެ ފަރާތުން ތަމްރީން ލިބުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮގްރާމަކީ2009ވަނަ އަހަރުން ފެށީގެން ދިރާގުން މެދުކެނޑުމެއް ނެތި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރު ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގޭގައި މަސައްކަތް ކުރަން ޖެހުނު ނަމަވެސް، އެ އަހަރު ދަރިވަރުންގެ ޓްރެއިނިންތައް މެދުނުކެނޑި، އޮންލައިން ކޮށް އެ ކުންފުނިން ކުރިއަށް ގެންދިޔައެވެ. އެގޮތުން، މި ޕްރޮގްރާމުތެރޭގައި ހިމެނޭ ކޯސްތަކާއި ޓްރެއިނިން ތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް އާއި ވަޒީފާއަށް ބޭނުންވާނެ އެކި ޓްރެއިނިންގ ތައް ދިޔައީ ދެމުންނެވެ.

ިމި ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ސީވީ އަދި ބޭނުންވާ އިތުރު ޑޮކިއުމެންޓްތައް 10 ފެބްރުއަރީ 2021 ގެ ކުރިން މެދުވެރިކޮށް ސަބްމިޓް ކޮށްލެވޭނެއެވެ.