ށ. މަރޮށީގައި މީދާ ގިނަވެ، މީދަލުގެ ސަބަބުން ރައްޔިތުންނަށް އުދަގޫ ވަމުންދާކަމުގެ ސަކުވާ ބޮޑުވުމާއި ގުޅިގެން ގޭގެއަށާއި ހޭޅިފަށަށް "މީދާބޭސް" ލުމުގެ ހަރަކަތެެއް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށް މަރޮށީ ކައުންސިލްގެ އިދާރާއިން ބުނެފި އެވެ.
އެއިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ގޭގެއަށާއި ހޭޅިފަށަށް "މީދާބޭސް" ލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ހަވީރު ކަމަށެވެ.
އެކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ "މީދާބޭހަކީ" ވަރަށް ބޮޑު ވިހައަކަށް ވާތީ، ރައްޔިތުން މިކަމަށް ސަމާލުވާން ޖެހޭނެކަމަށެވެ.
ކުޑަކުދިން މީދާބޭހުން ރައްކާތެރިކޮށް، ގޭގައި އޮޅުކޮށްގެން ގެންގުޅޭ ދޫނި، ކުކުޅު، ޖަނަވާރުފަދަ ތަކެތި ރައްކާތެރިކޮށްގެން ގެންގުޅުމާއި، ފުރާޅުން ފެންނެގުވުމުގެ ކުރިން ރަގަޅަށް ފުރާޅު ސާފުކުރުމަށް ދަންނަވަމެވެ. އަދި ކާބޯތަކެއްޗާއި ބާކީވާ ކާތަކެތި (އުކާލާތަކެތި) މީދަލަށް އަތުނުޖެހޭގޮތް ހެއްދެވުމަކީ ވަރަށްމުހިއްމުކަމެކެވެ.
އެކައުންސިލްގެ އިޢުލާނުގައި ބުނެފައި ވެއެވެ.
މީދާބޭސް ލުމުގެ އަމަލީ މަސައްކަތުގައި ބައިވެރިވެ ދެއްވުމަށްޓަކައި ރައްޔިތު ހުރިހާ ފިރިހެންބޭފުޅުން އަންގާރަ ދުވަހުގެ ހަވީރު 04:15ށް މަރޮށި ކައުންސިލް އިދާރާއަށް ދުރުވެދެއްވުމަށް އެކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!