ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް ތެއްތިރީސް އިންސައްތަ ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން އެގޮތަށް ކަނޑައެޅީ މިއަދުއޮތް ހުކުމް އިއްވާ މަޖިލީހުގައި، މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

Ad
rt

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހިިމާއި ހުސައިިން ޝަހީދުގެ އިތުރުން ހާތިފް ހިލްމީ އެވެ. ރިޔާސަތު ބެލެހެއްޓެވީ މުހައްމަދު ނިޔާޒެވެ.

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި، އެ އިސްލާހުން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އެ މައްސަލަ ބެއްލެވުމަށް ފަހު މައްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައި ބުނެފައި ވަނީ އިންތިހާބަކަށް އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރުމަކީ ޖިންސުގެ ތަފާތުކުރުންތަކެއް ނަމަވެސް އެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމަކަށް ނުވާނެކަމަށެވެ.

ހައިކޯޓުން އެގޮތަށް ނިންމެވުމުން އެމައްސަލަ އެ ކޯޓަށް ހުށަހެޅުއްވި މޫސާ އަންވަރު މިހާރުވަނީ އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަށްވާނެ ކަމަށް ވިދާޅުވެފަ އެވެ.