ހއ. ވަށަފަރުގެ މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓުގެ ދަތިކަމާއި ހުރެކަމަށް ވަށަފަރު ކައުންސިލުން ބުނެފިއެވެ.

ވަށަފަރުގެ މިސްކިތްތައް ވަރަށް ބޮޑު މަރާމާތުކުރަން ޖެހިފައިވާކަން ފެންނަ ފޮޓޯތަކެއް ވަށަފަރުގެ އާންމު ރައްޔިތަކު ''ތިލަދުން''އަށް ހިއްސާ ކުރުމުން އެކަމާއި ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގައި، ވަށަފަރު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ''ތިލަދުން''އަށް ވިދާޅުވީ، އެ މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓް ނެތުމުން ކަމަށެވެ.

Ad
rt

''މިރަށު މިސްކިތްތައް ހުރީ ވަރަށް ބޮޑު މަރާމާތަކަށް ބޭނުންވެފައި، އެކަމަކު މިސްކިތްތައް މަރާމާތު ކުރާނެ ބަޖެޓެއް ނެތް ކައުންސިލަކު، ކޯވިޑާއި ގުޅިގެން ބަޖެޓް ކުޑަކޮށްލީމައި އެކަން ނުވެ އެހުރީ''

މުޙައްމަދު ވިދާޅުވިއެވެ.

''އަޅުގަނޑުމެންނަށް މީޑިއާތަކުން ފެނޭ އިސްލާމިކް މިނިސްޓްރީއިން ބުނާކަމަށް މިސްކިތްތައް މަރާމާތު ކުރާނެ ބަޖެޓް ކައުންސިލްތަކަށް ހަވާލުކޮށްފައި ހުންނާނެ ކަމަށް، އަޅުގަނޑަށް ހީވަނީ ކޯވިޑާއި ގުޅިގެން ދިމާވި މާލީ ދަތިކަމުގައި ކައުންސިލްތަކުގެ ބަޖެޓުން ދެބައިކުޅަ އެއްބައި އުނިކުރިކަން އިސްލާމިކް މިނިސްޓްރީއަށް އެނގިވަޑައި ނުގަންނަވީހެން، އެހެންވެ އެ ގޮތަށް އެ ވިދާޅުވަނީ، ހަމަޔަގީނުން ވެސް މިކައުންސިލްގެ ބަޖެޓްގައި އެކަމަށް ފައިސާ ހުރިނަމަ މިސްތްތައް މަރާމާތު ނުކޮށް އެހެންނެއް ނުހުންނާނެ''

މުޙައްމަދު އިތުރަށް ވިދާޅުވިއެވެ.

ވަށަފަރުގެ މިސްކިތްތަކުގެ ހާލަތު ދައްކުވައިދޭ ފޮޓޯއެއް، ފޮޓޯ: ވަށަފަރު އާންމު ރައްޔިތެއް

ބެޖެޓް ދަތިކަން ހުރިނަމަވެސް މިސްކިތްތައް މަރާމާތުކޮށް، މިސްކިތްތަކުގެ ގަދަރާއިއެއްގޮތަށް ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށްވީ ހިނދު، އެހެންގޮތަކަށް އެކަން ކުރެވޭތޯ މަސައްކަތް ނުކުރައްވަންތޯ މި ނޫހުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ އެ ކައުންސިލްގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި ދެން އޮތްމަގަކީ ރައްޔިތުންގެ މާލިއްޔާއިން އެކަން ކުރުން ކަމަށާއި، އެކަމަށް މަސައްކަތް ކުރަށްވާނެ ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.

ވަށަފަރުގެ ރައްޔިތަކު މި ނޫހާއި ހިއްސާކުރި އެރަށުގެ މިސްކިތްތަކުގެ ހާލަތު ފެންނަ ފޮޓޯތަކުން މިސްކިތެއްގެ ފާރުތަކުން ވަރަށް ބޮޑަށް ކުލަފޮޅި ހަޑިވެފައިވާއިރު، ސީލިންގ އިންވެސް ވަނީ ވަރަށް ބޮޑަށް ކުލަ ފޮޅިފައެވެ. އަދި ބައެއް ދޮރުތައް ބާވެ ހަލާކުވެފައި ހުރިއިރު، ތަޅައިގެން ގޮސްފައިވާ ބައެއް ތަށިމުށި ގަނޑުތައް ވެސް ފޮޓޯތަކުން ފެނެއެވެ. ފޮޓޯތަކުން ފެންނަ ތަންޑުތައް ދަބަރަށް ވެފައި ހުރިއިރު، މިސްކިތު ބޭރުގައި ޖަހާފައިހުރި ދަގަނޑު ހޮޅިވެސް ވަނީ ކުލަފިލާ ހަޑިވެފައެެވެ.

916 އަށް ވުރެ ގިނަ މީހުން އާބާދީގައި ހިމެނޭ ހއ. ވަށަފަރުގައި 3 މިސްކިތެއް ހުރެއެވެ.