ދިވެހިންނަކީ ޒަމާނުއްސުރެ ޤުރްއާން ކިޔެވުމަށް ލޯބި ކުރި ބައެކެވެ. ދެނަމާދު ދޭތެރޭގައި ޤުރްއާން ކިޔެވުމަކީ ދިވެހިން އާދައެއްކަމުގައި ބަލައިގަތް ދުވަސްވަރެއްވެސް ދިޔައެވެ. ނަމަވެސް ޓެކްނޮލޮޖީގެ އާލާތްތައް ގިނަވުމާއި ދިރިއުޅުމުގެ ޙަޔާތް ބުރަވުމާއި މިނޫންވެސް އެކި އެކި ސަބަބުތަކާއެކު، އަދުގެ މުޖުތަމަޢުގައި ޤުރްއާނަށް ދޭ އަހަންމިއްޔަތުކަން ކުޑަވެފައިވާކަން ދަނީ ފާހަގަވަމުންނެވެ.

އެގޮތުން ކުޑަކުދިންވެސް، އެކުދިންގެ ހިތްތަކުގައި ޤުރްއާނަށް ދޭންވާ ލޯތްބާއި ޤަދަރު ނުދެވުމުގެ ސަބަބުން އެފޮތް ކިޔަވާހިތް ނުވާގޮތް ވެއެވެ. އަޅުގަނޑުމެންގެ ކުޑަކުދިންގެ މިޖީލަކީ ޤުރްއާނާ ދުރު ޖީލަކަށް ވެއްޖެނަމަ، މި ސައްތަ އިން ސައްތަ އިސްލާމީ ޤައުމުގެ މުސްތަޤުބަލް ވަރަށް ބޮޑަށް ބަނަވެގެންދިއުން އެކަށީގެންވެއެވެ. އެހެންކަމުން ކުޑަކުދިން ގެ ހިތުގައި ޤުރްއާނަށް ލޯބި ޖެއްސުމަށްޓަކައި އަދު މިވަނީ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.

Ad
rt

ހަމަ އެހެންމެ ތިމާގެ ދަރިފުޅަކީ ޤުރްއާން ހިތުދަސްކޮށްފައިވާ ކުއްޖަކަށް ވުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ވެސް ހުވަފެނެކެވެ. އަދި ޤިޔާމަތްދުވަހުން މައިންބަފައިންގެ ޤަދަރު މަތިވެރި ކުރުވާ ކަމެކެވެ. އެކި ގޮތްގޮތުން ޤުރްއާން ދަސްކުރަން ކުދިން ލައްވާ މަސައްކަތް ކުރުވާ ބެލެނިވެރިންވެސް އުޅެއެވެ.

ނަމަވެސް މިފަދަ ބެލެނިވެރިންގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ، ކުދިން ޤުރްއާން ކިޔަވާހިތް ނުވާ ކަމެވެ. ގަދަކަމުން ޤުރްއާން ކިޔަވަން ބައިންދަން ޖެހޭ ކަމެވެ. ކިޔަވަން ބުނިކަމުގައިވީ ނަމަވެސް ބަހަނާ ދެއްކުމާއެކު އަވަހަށް ނިންމާލަން އުޅޭ ކަމެވެ.

މި ސިލްސިލާ އާޓިކަލް ތަކަކީ ބެލެނިވެރިންނަށް، އެފަރާތްތަކުގެ ދަރިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖެއްސުމަށްޓަކައި ކުރެވިދާނެ ކަންކަން ކިޔައިދިނުމަށްޓަކައި ލިޔެވޭ އާޓިކަލްތަކެކެވެ. އެގޮތުން، ދަރިންގެ ހިތްތަކުގައި ޤުރްއާނަށް ލޯބިޖެއްސުމަށް ކުރެވިދާނެ މައިގަނޑު 11 ކަމަކަށް ﷲގެ އިރާދަފުޅާއެކު އަލިއަޅުވާލާނަމެވެ.

1. އެންމެ ފުރަތަމަކަމަކަށް ދަންނަންޖެހޭ ކަމަކީ އަޅުގަނޑުމެންގެ ދަރިންނަކީ އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެހިފައިވާ ބައެއްކަމުގައި ވުމަށް އެދޭނަމަ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖެހިފައިވާ ބަޔަކަށް ވާން ޖެހޭކަމެވެ. ކިޔަވަން ބޭންދިޔަސް ދަރިން ނުކިޔަވާ ވާހަކައާއި، ބޮޑެތި ވާހަކަފޮތްތައް ކިޔާއިރުވެސް ޤުރްއާން ކިޔަވަން ދަރިން ޝައުޤުވެރިކަން ނުހުންނަ ވާހަކަ ދެއްކުމުގެ ކުރިން އަމިއްލަ ނަފުސާ ކުރަންވީ ސުވާލަކީ، އަހަރެންނަށް ޤުރްއާން، މީ ކިހާ މާތް ފޮތެއްކަން އެނގޭބާވައެވެ.

ހަފްތާއެއް ނިމިގެން ދާއިރު އެންމެ ދުވަހަކުވެސް މުޞްޙަފު ނަގައިގެން ހަމަޖެހިލައިގެން އިނދެ ޤުރްއާނުން މިންވަރެއް ކިޔަވާލެވޭ ބާވައެވެ. މީސްމީޑިއާ އާއި ޔޫޓިޔުބް ވީޑިއޯތައް ބެލުމުގައި ވަގުތު ބޭކާރުވެގެންދާހިނދު ޤުރްއާނަށް ވަގުތު ނުދެވެނީ ކީއްވެބާއެވެ.

ޝައްކެއް ނެތްގޮތުގައި އެހެންވަނީ، ހިތުގައި ޤުރްއާނަށް އޮންނަންވީ ލޯބި އޮންނަންޖެހޭ މިންވަރަށް ނެތުމުންނެވެ. އެހެންކަމުން ތިމާގެ ހިތުގައި ޤުރްއާނަށް ލޯބި ޖެއްސުމަށް އެދި ﷲ އަށް އިޚްލާޞްތެރިކަމާއެކު ދުޢާކުރުމުގެ އިތުރުން، ޤުރްއާނުގެ މާތްކަމާ ބެހޭ ލިޔުންތައް ކިޔައި، ދަރުސްތައް އަޑުއަހައި، ޢިލްމުވެރިންނާ ސުވާލުކޮށް، ތިމާގެ ހިތުގައި ޤުރްއާނަށް ލޯބި ޖެއްސުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. إن شاء الله، މާގިނަ ދުވަސްތަކެއް ނުވެ، ހިތުގައި ޤުރްއާނަށް ލޯބި ޖެހިދާނެއެވެ.

2. ތިމާއާއި ތިމާގެ ދަރިންގެ ހިތުގައި ޤުރްއާނަށް ލޯބި ޖެއްސެވުމަށް އެދި ދުޢާކުރުން.

ހަޤީޤަތުގައި ދުޢާގެ ބާރު އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް ނޭނގުމަކީ ދުޢާ ކުރުމުން ޣާފިލު ވެވޭ އެންމެ ބޮޑު އެއް ސަބަބެވެ. ﷲއީ އަޅުތަކުންގެ ދުޢާ ޢިޖާބަކުރައްވާ އިލާހެވެ. އެއިލާހުގެ އިސްމުފުޅުތަކުގެ ތެރޭގައި ހިމެނޭ އިސްމުފުޅެއް ކަމަށްވާ المجيبގެ މާނައަކީ،

"މަޚްލޫޤުންގެ ދުޢާތައް ޢިޖާބަކުރައްވާ ޤަބޫލުކުރައްވާ އިލާހެވެ."

އޭގެ އިތުރުން ޤުރްއާނުގެ އެތައް އާޔަތްތަކަކާއި އެތައް ޙަދީޘަކުންވެސް މިކަން އެނގެއެވެ. އެހެންކަމުން އެކި އެކި ވަގުތުތަކުގައި ﷲ އަށް ދުޢާކޮށް ހެދުން ގިނަކުރަން އެބަޖެހެއެވެ. ދުންޔަވީ ކަންކަމަށް ދުޢާ ކުރާ ފަދައިން އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށްވެސް ދުޢާކުރަން ވާނެއެވެ. އޭގެތެރެއިންވެސް ހިތުގައި ޤުރްއާނަށް ލޯބިޖެހޭތޯ ދުޢާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކުރެވިދާނެ ވަރަށް ފުރިހަމަ ދުޢާއެއް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަހަރެމެންނަށް އުނގަންނަވައިދެއްވާފައެވެ. އެއީ:

اللَّهُمَّ إِنِّي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَداً مِنْ خَلْقِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الغَيْبِ عِنْدَكَ، أَنْ تَجْعَلَ القُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وَجَلاَءَ حُزْنِي، وَذَهَابَ هَمِّي(1)

މާނަ: މާނައީ: "އޭ ހައްދަވައި ބޮޑުކުރެއްވި އިލާހެވެ! ހަމަކަށަވަރުން އަހުރެންނީ އިބަ ﷲ ގެ އަޅަކީމެވެ. އިބަ ﷲ ގެ ފިރިހެން އަޅާގެ ދަރިއަކީމެވެ. އިބަ ﷲ ގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މި އަޅާގެ ލަގަންވަނީ އިބަ ﷲ ގެ އަތްޕުޅުގައެވެ. އިބަ ﷲ ގެ ޙުކުމްފުޅު މި އަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. މި އަޅާއާމެދު، އިބަ ﷲ ގެ ނިންމެވުން ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲ ގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަ ﷲ ދެއްވާފައިވާ، ނުވަތަ އިބަ ﷲ ގެ ފޮތުގައި އިބަ ﷲ ބާވައިލައްވާފައިވާ، ނުވަތަ އިބަ ﷲ ގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަ ﷲ އުނގަންނައިދެއްވާފައިވާ، ނުވަތަ އިބަ ﷲ ގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިބަ ﷲ ޚާއްޞަ ކުރައްވާފައިވާ އިބަ ﷲ ގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މި އަޅާގެ ހިތުގެ ބަހާރުކަމުގައާއި، މި އަޅާގެ ހިތުގެ ނޫރުކަމުގައާއި، މި އަޅާގެ ހިތާމަފިއްލަވައިދޭ ޒަރިއްޔާކަމުގައާއި އަދި މި އަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރިއްޔާކަމުގައި ޤުރްއާން ލައްވައިދިނުމަށް އިބަ ﷲ ގެ ޙަޟްރަތުން އެދިދަންނަވަމެވެ.”

ނަމާދުގައާއި އެހެނިހެން ވަގުތުތަކުގައިވެސް މިދުޢާ ކުރުން ގިނަކުރާށެވެ. އަދި ދަންނަ ބަސްބަހުންވެސް މިކަމަށް އެދި ދުޢާ ކުރައްވާށެވެ.

(ނުނިމޭ)