ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާލަތުގައި ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނާ މުޖްތަމަޢަށް އަސަރުފޯރާ ކަންކަމުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މަސައްކަތްތަކަށް ހުށަހެޅޭ އިންވޮއިސް ތަކަށް ފައިސާ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އަދާކޮށް ދެއްވުމަށް ބާރުއެޅުއްވުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ.
އެ ޖަމިއްޔާއިން މި ގޮތަށް އިލްތިމާސް ކުރީ މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ ޖަމިއްޔާއިން ބުނީ، ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އާންމުންނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކާއި ގެއްލުމުގެ ތެރެއިން، ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކޮންޓްރެކްޓަރުންނަކީ ވަރަށް ބޮޑަށް ލޯކަލް ކުދި ވިޔަރާފާރިތަކުގެ ތެރޭގައި ހިމެނޭ ކުދި ފިހާރަތަކާއި ހާރޑްވެޔަރ އަދި އެހެނިހެން މެޓީރިއަލް ސަޕްލަޔަރުންނާއި ދަތުރުފަތުރު ކުރާ ފަރާތްތަކާއި ގުޅި ލާމެހިފައިވާ ފަރާތްތަކެއް ކަމަށް އެ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
''މިދެންނެވި ގިންތިއަށް ވިޔަފާރީގައި ދިމާވާ ދަތިތަކުގެ ސަބަބުން އެފަރާތްތަކާއި، އަދި އެފަރާތްތަކާއި ގުޅުންހުރި އެންމެހާ ޢާއިލާތަކަށްވެސް ކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ދަނީ ކުރަމުންނެވެ. މިދަނޑިވަޅުގައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރު ޙިއްސާވާ ކުންފުނިތަކުން، ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް އެވޯރޑްކުރެވޭ ޕްރޮޖެކްޓުތަކުގެ އިންވޮއިސްތަކަށް ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވުމުގެ ޝަކުވާ މިޖަމްޢިއްޔާގެ މެމްބަރުން ދަނީ ތަކުރާރު ކޮށް ކުރަމުންނެވެ.''
އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
މަސައްކަތުގެ އުޖޫރަ ދިނުމަކީ މަސައްކަތްކުރާ ފަރާތާއި މަސައްކަތް ކުރުވާ ފަރާތާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކުރެވޭ މުޢާމަލާތަކަށް ވީހިނދު، ކުރެވެމުން ގެންދާ ބިލްތަކަށް ފައިސާ ނުލިބުމާއި ފައިސާ ނުދީ ލަސްކުރުމަކީ އިޖްތިމާޢީ ގޮތުންވެސް ދޭދޭ އަފުރާދުންގެ މެދުގައި އިތުބާރުގެއްލުމާއި ބޮޑެތި ހަމަނުޖެހުން އުފެދި ގެއްލުން ލިބިގެންދާނެ ކަންތައްތަކެއްކަން ފާހަގަކޮށް، އެ ޖަމިއްޔާއިން ބުނީ ޤާނޫނުތަކާއި ޤަވާޢިދު ތަކުން މިކަމަށް ބާރު އަޅުއްވާފައިވަނީ ވެސް އެފަރާތްތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަމަށެވެ.
''މިކަމާއި މެދު ސަރުކާރުގެ ކަމާއިބެހޭ އެންމެހާ މުއައްސަސާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މި ދަތި ހާލަތުގައި ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނާ މުޖްތަމަޢަށް އަސަރުފޯރާ ކަންކަމުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން މަސައްކަތްތަކަށް ހުށަހެޅޭ އިންވޮއިސް ތަކަށް ފައިސާ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، އަދާކޮށް ދެއްވުމަށް ބާރުއެޅުއްވުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް ނުހަނު އިޚްލާސްތެރިކަމާއި އެކު އިލްތިމާސްކުރަމެވެ.''
އެޖަމިއްޔާއިން ބުނީ، ކޮންޓްރެކްޓު ޤާނޫނުގެ ދަށުން އެކަމުގައި ޝާމިލްވާ ދެފަރާތަށް ވެސް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ނުވުމަކީވެސް ޚާއްސަގޮތެއްގައި އެޖަމިއްޔާގެ މެމްބަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
މިކަމަށް ވެސް އިންސާފުވެރި އަދުލުވެރި ގޮތަކަށް ކޮންޓްރެކްޓްތައް ބައްޓަން ކުރެވިގެން ދާނެ ގޮތަކަށް ބާރުއަޅުއްވާ އަމަލު ކުރައްވާނެ ކަމަށް ކޮންޓްރެކްޓަރސް އެސޯސިއޭޝަނުން ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް ވެސް އެ ޖަމިއްޔާގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!