މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ނޮދަން އޭރިއާ، ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދިޔަ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންމުގެ ތެރެއިން ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމުގެ ކަންކަން ކުރިއަށް ދާނެ ގޮތުގެ މަޢުލޫމާތު ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އާންމުކޮށްފިއެވެ.

މިކަމާއި ގުޅިގެން 16 ޑިސެމްބަރ 2020 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ 18 ޑިސެމްބަރ 2020 ގައި އެމްއެންޑީއެފް ގެ ފަރާތުން ދިއްދޫގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެމްއެންޑީއެފް ގެ ވަޒީފާއަށް ވަނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ފުރުމާއި، އެ ރަށުގެ މަގުތަކުގައި ޕެރޭޑެއް ބޭއްވުމުގެ އިތުރުން ބަޑިބޭހުގެ ކުޅިވަރުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މީގެއިތުރުން މި ހަރަކާތްތައް ކުރިއަށް ދާނެ ތަންތަނާއި އެކަންކަން ކުރިއަށް ދާނެ ވަގުތުތައް ވެސް އެ ކައުންސިލުންވަނީ އާންމު ކޮށްފައެވެ.

މިގޮތުން އެމްއެންޑީއެފް ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމު ފުރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 08:30 އިން 11:30 އަށް އަދި މެންދުރުފަހު 13:30 އިން 15:00 އަށް ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

އެ ރަށުގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 16:15 އިން 17:30 އަށެވެ. މީގެއިތުރުން އެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބަޑިބޭހުގެ ކުޅިވަރުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެ ރޭ 20:15 ގައި ރީތިހަޓުގެ ކައިރީގައެވެ. ބަޑިބޭހުގެ ކުޅިވަރު ބައްލަވަން ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ކުރީގެ ފެން ޕްލާންޓާއި ދިމާ އަތިރިމަތީ ފަސްގަނޑުގައި ތިބުމަށް އެ ކައުންސިލުންވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެންޑީއެފް އިން ކުރިއަށް ގެންދާ މި ހަރަކާތްތައް އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި މަހު 17 ވަނަ ދުވަހު ކުޅުދއްފުށި ސިޓީގައި މި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ޑިސެމްބަރ 18 ވަނަ މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދިއްދޫގައެވެ. އަދި 19 ޑިސެމްބަރ ގައި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިހަވަންދޫގައެވެ.