ސްޕެނިޝް ލީގުގައި އަންގާރަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އެތްލެޓިކް ބިލްބާއޯ ބައްދަލު ކުރި މެޗުން، ރެއާލް މޮޅުވުމުން މިވަގުތު ލީގު ތާވަލުގެ އެއްވަނާގައި އޮތް ރެއާލް ސޮސިއެޑާޑްއާއި އަދި ދެވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެއްޖެއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
އެތްލެޓިކް ބިލްބާއޯގެ ފޯވާޑް ރައުލް ގާސިއާއަށް މެޗުގެ ވަރަށް ކުރީކޮޅު ރަތްކާޑް ދެއްކުމާއި ގުޅިގެން މެޗުގެ ބޮޑުބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރެއާލްއިން ވަނީ ލަނޑުޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޖަރުމަނު މިޑްފީލްޑަރ ޓޯނީ ކްރޫސްއެވެ. ކްރޫސް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފު ރެއާލްއިން އެއް ލަނޑުގެ ލީޑަކާއި އެކު ފެށިނަމަވެސް، އެއް ކުޅުންތެރޔަކު މަދުކޮށް ކުޅެމުންދިޔަ ބިލްބާއޯއިން ވަނީ މެޗުގެ 52 ވަނަ މިނެޓުގައި ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ޑިފެންޑަރ ކަޕާއެވެ.
މި ލަނޑާއިއެކު ރެއާލް މެޑްރިޑުން ކުޅުން އިތުރަށް ރަނގަޅު ކުރިތަން ފެނިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް މެޗެގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒެމާއެވެ. އެ ޓީމުން މެޗުގައި ޖެހި ތިންވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ބެންޒެމާއެވެ.
މި ނަތީޖާއާއެކު އެއްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑާއި، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ އިތުރުން ތިންވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ 26 ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ސޮސިއެޑާޑް އަދި ރެއާލް މެޑްރިޑް އެ އަދަދަށް ޕޮއިންޓް ހަމަ ކޮށްފައިވަނީ 13 މެޗު ކުޅެގެންނެވެ. އެކަމަކު ދެވަނައިގައި އޮތް އެތުލެޓިކޯ މިހާތަނަށް ކުޅެފައިވަނީ 11 މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!