ފުލުހުން، ހދ. ހަނިމާދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމާއި ކުށްތަކުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ad
rt

ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ފިހާރަތަކުގައި ކުށުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތުދީ، އަދި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އޭގެ އިތުރުން، ވިޔަފާރި ބަންދުކޮށްފައިދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީން ކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށާއި، އަދި ފިހާރައިގެ ބޭރުގައި ދަންވަރުގަޑީގައި މުދާ ނުބެހެއްޓުމަށާއި ރޭގަނޑު ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި އަލިކަމެއް ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

އަދިވެސް އޭގެ އިތުރުން، ފިހާރަތަކުގެ ސަލާމަތީކަންކަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވާކަމަށާއި، އަދި އެމެންޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ފުލުހުންނާ ގުޅާނެ ނަންބަރު ވިޔަފާރިވެރިންނާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހު ފެށި އެ ޕްރޮގްރާމުގެ ތެރެއިން އެ ރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފަވާކަމަށް ފުލުހުން ވިދާޅުވެއެވެ.