ރައްޔިތުންގެ މަޖިލިސްގެ މެންބަރަކާއި ދެމެދު ޚިޔާލު ތަފާތުވެ، ތަޅުމުގައި އަޑުގަދަ ކުރައްވާތީ މަޖިލިސް ކުރިއަށް ގެންދަން ދަތިވެ، މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މަޖިލިސްގެ ތަޅުމުގައި އިންނެވި މެންބަރަކު ''ތިލަދުން''އަށް މަޢުލޫމާތު ދެއްވި ގޮތުގައި މެންބަރު ޝަރީފާއި، ޚިޔާލު ތަފާތުވުން އުފެދުނީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމާއި ދެމެދުއެވެ.

Ad
rt

މެންބަރު ޝަރީފްގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްވެވީ މަޖިލީހުގައި، ޝަރީފް ތަކުރާރުކޮށް އަޑުގަދަކުރައްވައި، ރިޔާސަތުން ވާހަކަދެއްކެވުން ކުރިއަށް ގެންދެވުމަށް ދަތިވުމާ ގުޅިގެންނެވެ. ޖަލްސާ ފެށުމަށް ތައްޔާރުވަމުން ދިއަ އިރު ވެސް، ޝަރީފް ގެންދެވީ، ކޯފާ އިސް ކުރައްވައި، ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.

ޝަރީފްގެ ނަން އިއްވައި، ތަޅުމުން ނުކުންނަވަން ރިޔާސަތުން އެންގެވި ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހެއްދެވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ މަޖިލިސްގެ ސާޖަންޓް އޮފް އާމްސްއާއިއެކު ތަޅުން ދޫކުރަށްވާ ނުކުންނަވާފައެވެ.

ޝަރީފް ކޯފާއިސްކުރަށްވައި، އަޑުގަދަ ކުރެއްވި މައްސަލަ ސާފު ނުވިނަމަވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އަޑުގަދަ ވެފައިވަނީ ދެ އިއްޒަތްތެރި މެމްބަރެއްގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުމާ ގުޅިގެން ކަމަށެވެ. އަދި އެ ހިޔާލު ތަފާތުވުމަކީ ބަގާވާތާ ގުޅޭގޮތުން އުފެދުނު ހިޔާލުތަފާތުވުމެއް ކަމަށް މަޖިލިސް ރައީސް ނަޝީދު ވިދާޅުވި އެވެ.