އަދާލަތު ޕާޓީއާއިއެކު ގާތް ގުޅުމެއް ބާއްވައިގެން ކަންކަން ކުރަން އަބަދުވެސް އެމްޑީޕީން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅު ވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސްޖަލްސާގައި، އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި، ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރުގެ މައްސަލައާއިގުޅިގެން، އެމައްސަލާގެ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އާޒިމް ވިދާޅުވީ އަދާލަތު ޕާޓީއާއިއެކު ގާތް ގުޅުމެއް ބާއްވައިގެން ކަންކަން ކުރަން އަބަދުވެސް އެމްޑީޕީން ބޭނުންވާ ކަމަށެވެ.

''އަޅުގަނޑުމެން އެމްޑީޕީއާއިއެކު އަދާލަތު ޕާޓީ އެއްކޮށް އޮންނަން ބޭނުންވާ ކަންކަމަކީ، ހަގީގަތުގައި އެއްކޮށް މަސައްކަތްކުރަން ބޭނުން ވަނީ އެމްޑީޕީ އަދި ޚާއްޞަކޮށް ސެއިޚް އިމްރާނަކީ ހަރުކަށި ފިކުރާއިދެކޮޅު އަދި ލާދީނީ ގޮތުންވެސް އަޅުގަނޑުމެންނަކީ ހަރުކަށިފިކުރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަރާތެއް ކަމަށްވާތީ، އަޅުގަނޑުމެން ދެ ޕާޓީއަކީވެސް ވިސްނުން ވަރަށް ގާތްކުރާ، އަޅުގަނޑުމެންގެ ފަލްސަފާ އަދި އަޅުގަނޑުމެން ދެކޭގޮތް ވަރަށް ގާތްކުރާ، އެހެންވީމައި އެކުއެކީގައި މަސައްކަތްކުރެވިދާނެކަމަށް ޤަބޫލުކުކޮށްގެން ތިބަ ފަރާތްތަކެއް ކަމަށްވާތީ''

އާޒިމް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރުވެސް ތަޅުމުގައި އިންނަވަނިކޮށް އާޒިމް ދެއްކެވި ވާހަކާގައި، އާޒިމް ވަނީ ދެކަމެއް އަވަސް ކޮށްދެއްވުން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. އެގޮތުން ގެއްލުވާލާފައިވާ، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ހާއްސަކޮށް ރިލްވާންގެ މައްސަލަ އަވަހަށް ނިންމައި ޝަރީޢަތަށް ފޮނުވައިދިނުމަށާއި، ދައުލަތުން ގެއްލުނު ފައިސާ، ޚާއްސަކޮށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އާޒިމް އެދިވަޑައިގަތެވެ.